ސްޕެއިންގެ ކަނޑު މަސްވެރިކަން ކުރާ ބޯޓަކުން ދެ ޓަނުގެ ބޮޑު ސަންފިޝްއެއް ހިފައިފި އެވެ.
މި މަސް އެ ބޯޓުން ހިފާފައިވަނީ މިމަހުގެ ކުރީ ކޮޅު ސްޕެއިންގެ ޕޯޓް ސިޓީއެއް ކަމަށްވާ ސޫޓާއިން މެޑިޓެރޭނިއަން ކަނޑަށް މަހަށް ނުކުމެ އުޅެނިކޮށެވެ.
މިމަހުގެ ބަރުދަން ބެލުމުގައި ހަރަކާތްތެރިވީ އިޓަލީގެ ސިވިލް ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ލެބްގެ ޓީމެކެވެ. އެ ޓީމުން ބުނީ މަހުގެ ދިގުމިނުގައި 3.2 މީޓަރު އަދި ފުޅާމިނުގައި 2.9 މީޓަރު ހުރި ކަމަށެވެ.
އެމީހުން މަސައްކަތް ކުރީ ބޮޑު ސަންފިޝްގެ އަސްލު ބަރުދަން ބެލުމަށް 1،000 ކިލޯގެ ކައްޓާއަކަށް ލުމަށެވެ. އެކަމަކު މަސް ބޮޑުކަމުން ނުލެވުނީ ކަމަށާއި އެ މަހުގައި ހުރީ ދެޓަނު ކަމަށް ނިންމީ މީގެ ކުރިން ސްޕެއިންގެ ބައެއް ސަރަހައްދުކުގައި ހިފާފައިވާ މަހުގެ ބަރުދަނާއި ބޮޑުމިނަށް ބަލައި އަންދާޒާކޮށްގެން ކަމަށެވެ.
ސަންފިޝް ބޮޑު ކަމުން އެ ދޯނިން މަސް ހިފުމަށް ފަހު ބޯޓަށް ނަގާފައެއް ނުވެ އެވެ. ބަދަލުގައި ވާޖަހައިގެން ސޫޓާގެ ބަނދަރަށް ގެންގޮސް ކެރޭނެއްގެ އެހީގައި ބޯޓަށް ނެގީ ކަމަށް ބުންޏެވެ.
ސިވިލް ޔުނިވާސިޓީގެ ޓީމުން ވަނީ މަހުގެ ޑިއެންއޭ ސާމްޕަލް ނަގައި ފޮޓޯ ނެގުމަށް ފަހު ކަނޑަށް އެ މަސް އަލުން ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް