ނަޝީދު ވިދާޅުވަނީ ޖީއެމްއާރް އާ އެއާޕޯޓް ހަވާލުކުރީ އިގްތިސާދު ދެގުނަ ކުރުމަށް ކަމަށް!

އިންޑިއާގެ ޖީއެމްއާރު އަތުން ވީއައިއޭ އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް ފައިސާއާބެހޭ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވުމުން ކުޜިގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފިއެވެ. ދިވެހިރާއްޖޭގެ މަ...

17 Oct 2021 | 10:05

އިންޑިއާގެ ޖީއެމްއާރު އަތުން ވީއައިއޭ އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް ފައިސާއާބެހޭ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވުމުން ކުޜިގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ މައި ދޮރޯށި ހިންގުމަށް ފުރަތަމަ ފަހަރަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް ފަހުން އެތަން ވަނީ ދައުލަތުން އަތުލާފައެވެ.

ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ނުވަތަ މިހާރުގެ ނަމުން ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައެއޭ) ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރާއެކު އެކުވެފައިވާ އެއްބަސްވުން އުވާލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި ތަފުސީލީ ގޮތެއްގައި މިކަން ބަޔާންކޮށްދެއްވިއެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

“މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި” އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު ވެސް އަދިވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެންދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެންދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ” އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު 2014 ވަނަ އަހަރު ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ އިން ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

https://twitter.com/MohamedNasheed/status/1449629019188568064

ރައްދުގައި ނަޝީދު ވިދާޅުވީ، ހުޅުލޭ އެއާޕޯޓް ތަރައްޤި ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވޯލްޑް ބޭންކްގެ އެހީގައި ޓެންޑަރ ކޮށް ކާމިޔާބުކުރި ޖީއެމްއާރް އަށް ހަވާލުކުރެވުނީ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އޭރުވެސް މިހާރުވެސް މާހިރުން ބުނަމުން ދިޔައީ، ބޭނުންވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުމަށްކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ،

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުކުރުމަށްފަހު އެންމެފުރަތަމަ ކުރިކަމެއްގެ ގޮތުގައި ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރިއެވެ. އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެއްކަމަށް ބުނެ ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރިއިރު، ޖީއެމްއާރަށް ދިވެހި ދައުލަތުން 4.1 ބިލިއަން ރުފިޔާ ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާ އެފައިސާ ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް