ޖީއެމްއާރު އަތުން ވީއައިއޭ އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް ވަޒީރު ވިދާޅުވުމުން އުޝާމްގެ ރައްދެއް!

ޖީއެމްއާރު އަތުން ވީއައިއޭ އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް ފައިސާއާބެހޭ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވުމުން ވިލިމާލޭ ދާޢިރާގެ މެމްބަރު މުހައްމަދު އުޝާމް ރައްދުދެއްވައިފިއެވެ. ވަޒީރު އިބްރާހި...

17 Oct 2021 | 09:27

ޖީއެމްއާރު އަތުން ވީއައިއޭ އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް ފައިސާއާބެހޭ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވުމުން ވިލިމާލޭ ދާޢިރާގެ މެމްބަރު މުހައްމަދު އުޝާމް ރައްދުދެއްވައިފިއެވެ.

ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ނުވަތަ މިހާރުގެ ނަމުން ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައެއޭ) ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރާއެކު އެކުވެފައިވާ އެއްބަސްވުން އުވާލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި ތަފުސީލީ ގޮތެއްގައި މިކަން ބަޔާންކޮށްދެއްވިއެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

"މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު ވެސް އަދިވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެންދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެންދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު 2014 ވަނަ އަހަރު ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ އިން ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

ރައްދުގައި އުޝާމް ވިދާޅުވީ، ޖީއެމްއާރް އަތުން ވީއައިއޭ އަތުލުމަކީ މިފަހުގެ ތާރީހެއްގަައި އެއްވެސް ސަރުކާރަކުން ނިންމި އެންމެ މުހިންމު، އެންމެ ރަނގަޅު އެއް ނިންމުން ކަމަށާއި، އެއީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށް ފައިދާ ހުރި ނިންމުމެއްކަމަށެވެ.

ޖީއެމްއާރުއިން ބޭނުންވިގޮތަށް އެއާޕޯޓްގައި ޓާމިނަލް އެޅުމަށް ފުރުސަތުދިންނަމަ، އެއާޕޯޓް ވަނަ ރަންވޭއެއް އެޅުމުގެ ފުރުސަތު އެއްކޮން ބަންދުވީ ކަމަށާއި، އިތުރު ރަންވޭއަކާ ނުލާ ޑިމާންޑާ އެއްވަރަށް އެއާޕޯޓަށް އިތުރު އެއާލައިންތައް ގެނައުމުގެ ފުރުސަތު ބަންދުވީ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލިއިރު އޮތީ ދަރައި، ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށެވެ. އަދި 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލް އަކީ އަހަރަކު ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި ކުންފުނި ކަމަށެވެ.

އުޝާމް ވިދާޅުވީ، އެއާޕޯޓް ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ފައިނޭންސްކުރާ ޕްރޮޖެކްޓެއްކަމަށް ބުނުމަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށެވެ. މިޕްރޮޖެކްޓްގެ ލޯނުތަކަކީ އެމްއޭސީއެލްއިން ނަގާފައިވާ، އެކުންފުނިން ފައިސާ ދައްކާ ލޯނުތަކެއް ކަމަށާއި، އެކުންފުންޏަށް އެވަރުގެ ލޯނުތަކެއް ލިބުނީ ލޯނުއަނބުރާ ދެއްކުމުގެ ގާބިލުކަން ހުރުމުން ކަމަށް އުޝާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް