ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިއީ ޔޫ.އެން.ޑީ.ޕީ ދިވެހިރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަޤްސަދަކީ ...

17 Oct 2021 | 09:23

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިއީ ޔޫ.އެން.ޑީ.ޕީ ދިވެހިރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ މަޤްސަދަކީ ޒުވާނުން ބާރުވެރިކުރުވާ ދިވެހިރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއިމެދު ވިސްނާ އެކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުމެވެ.

މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމެންޓަރީ-ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެ އެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބަޔެކެވެ. ކޮންމެ ބައެއްވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުންނެވެ. އަދި މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) 5 ކުރު ފިލްމް ތައްޔާރުކުރާނެ އެވެ.

މިއީ އ.ދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރެކެވެ. ބައިވެރިންގެ ފިލްމްތައް އެކި ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދެއްކޭނެ އެވެ. އަދި މި ފިލްމްތައް އެކިއެކި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސަތަކުގައި ދެއްކުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެ އެވެ.

18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފަ އެވެ. ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.

މީގެ ތެރެއިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާލެވޭނީ 30 ފަރާތެވެ. މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމަށފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 24 އޮކްޓޫބަރު 2021 އެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގެ ތަމްރީން ބޭއްވޭނީ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގަ އެވެ. ތަމްރީން ބޭއްވޭނީ ހުރިހާ ބައިވެރިން އެއްތާކު ތިބެގެން ނެވެ. 'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ޓްރެއިނިންގ ސެޝަންތައް ބޭއްވޭނެ ތަން ފެށޭ ތާރީޚާއި ކައިރިކޮށް ހާމަކުރެވޭނެ އެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކުން ބައިވެރިވާ ފޯމު ހުށައެޅޭނެ އެވެ. tinyurl.com/ffcca21

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް