އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
12 މީހުންނާއި ކުޑަ 2 ކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާ ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންނެވެ.
މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ވަނީ ނިޔާވެފައެވެ. އެއީ މަރިޔަމް ނާހިދާއެވެ. އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން މިހާރުވެސް ދަނީ ކުރަމުންނެވެ.
މިހާދިސާގައި ނިޔާވި ނާހިދާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޚަބަރު އަޑުއެހީ ނުހަނު ފުން ހިތާމާގައިކަމަށެވެ. އަދި މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވަފާއެވެ.
ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ. ލޯންޗު ބަންޑުން ޖަހާލުމާއި ގުޅިގެން ނާހިދާގެ ހަށިގަނޑު ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް