ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރާއެކު އެކުވެފައިވާ އެއްބަސްވުން އުވާލުމަކީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން ދިވެހިންގެ މައި ދޮރޯށި އަތުލުމަކީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށާއި މިކަން ކޮށްދެއްވީތީ ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދިވެހިން ތާއަބަދު ކުރާނެ ކަމަށެވެ.
"ޖީއެމްއާރަށް އެއަރޕޯޓް ނުއަގުގައި ވިއްކާލީ އެމްޑީޕީގެ ތަންދޮރު ނުދަންނަ ވެރިކަމުން. އެއީ ދިވެހިން އަޅުވެތި ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު. ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ދިވެހިންނަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިން އަނިޔާއެއް. ކާބަފައިން އަހަރެމެންނާ ހަމައަށް ވާސިލްކޮށްދެއްވި ހަރުމުދާތައް ވިއްކުމުގެ ފެށުން. ލަދުވެތި، ގައްދާރު އަމަލެއް" ޝުޖާއު ވިދާޅުވި އެވެ.
ޖީއެމްއާރް އަތުން އެއަރޕޯޓު، ޔާމީން ސަލާމަތް ނުކުރެއްވިނަމަ ދިވެހިން މިހާރު ތިބޭނީ އަޅުދާސްކަންމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
https://twitter.com/IbrahimShujaau/status/1449449356516413443
ޖީއެމްއާރް އަތުން އެއަރޕޯޓު އަތުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެއަރޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައިވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދިނުމަށެވެ.
https://twitter.com/iameeru/status/1449422412336926723
މިނިސްޓަރު އަމީރު ޓްވިޓަރގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.
އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި ނަމަވެސް 7 އަހަރު ވެގެންދިޔައިރު ވެސް އަދިވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖީއެމްއާރާއެކު 2014 ގައި އެއާަރޓު ތަރައްގީ ކުރެވުނު ނަމަ ކޯވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް