އާޖެންޓީނާގެ ތަރިން ލިއޮނެލް މެސީ ދޫކޮށްލުމަކީ މިހާތަނަށް ބާސެލޯނާއިން ހެދި އެންމެ ބޮޑު ގޯސްކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެޕް މާރިއާ ބާޓެމެއޫ ބުނެފިއެވެ.
އޭނާ މިހެން ބުނީ ބާސާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާ މި ދަނޑިވަޅުގައި ބާސާގެ މުސްތަޤުބަލާއި ގުޅޭ ގޮތުން ސްޕެއިންގެ މަޝްޙޫރު ކުޅިވަރު ނޫހެއް ކަމުގައިވާ މުންޑޯ ޑިޕޯޓިވޯއަށް ދިން ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި ވާހަކަ ދައްކަމުން ބާޓެމެއޫ ވަނީ މިވަގުތު ބާސާގެ ރައީސް ކަމުގައި ހުރި ޖޯން ލަޕޯޓޭ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެވެ. އެގޮތުން ބާޓެމެއޫ ބުނީ ލަޕޯޓޭ ބާސާގެ ރައީސްކަމާއި ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ މެސީ ކުލަބުން ބޭރު ކޮށްލުން ކަމަށާއި އެކަމުގެ ސަބަބުން ބާސާއަށް އެކަމުގެ ބޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުން ދާ ކަމަށެވެ.
މެސީ ފަދަ ކުޅުންތެރިއަކު ކުލަބުގައި ހުރުމަކީ ކޮންމެ ޓީމަކަށް ވެސް ލިބޭނެ އެންމެ ބޮޑު އުފާ ކަމަށާއި އެގޮތުން މެސީ ބާސާއާއި އެކު ހުރުމަކީ ކުލަބައްވެސް އެންމެ ފައިދާ ބޮޑު ގޮތްކަމަށެވެ. ނަމަވެސް ލަޕޯޓޭ ރައީސް ކަމާއި ހަވާލުވެ މެސީ ބާސާ އާއި އެކު ކޮންމެ ހާލަތެއްގައިވެސް މަޑުކުރަން ތައްޔާރަށް ހުރި އިރު، އޭނާ ނެރެ އެއްލާ ލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށާއި އެކަމުގެ ހިތި މިއަދު ބާސާއަށް ފެންނަމުން ދާކަމަށްވެސް ބާޓެމެއޫ ވަނީ ބުނެފައެވެ.
ބާޓެމެއޫ އިތުރަށް ވާހަކަ ދައްކަމުން ބުނީ ބާސާގައި މިވަގުތު ހުރި ކޯޗު ރޮނާލްޑް ކޫމަން އަކީ އޭނާގެ ދައުރުގައި ހަމަ ޖެއްސި ކޯޗެއް ކަމަށާއި ބާސާއަށް ނާކިޔާބާއި ކުރިމަތިލާން ޖެހެނީ ކޫމަންގެ ސަބަބަކުން ނޫންކަމަށެވެ. އަދި ކޫމަންގެ ބޮލުގައި އެކަމުގެ އެއްވެސް އިލްޒާމެއް ނޭޅުވުމަށްވެސް ބާޓެމެއޫ ވަނީ ބުނެފައެވެ. އެގޮތުން ބާސާއަށް މިވަގުތު ދިމާވެގެން އުޅޭ ހުރިހާވެސް މައްސަލަ އަކީ ވެސް މިހާރުގެ ރައީސް ލަޕޯޓޭ ކަމަށްވެސް ބާޓެމެއޫ ބުންޏެވެ.
" މެސީ ދޫކޮށްލުމަކީ ބާސާއަށް ހެދުނު އެންމެ ބޮޑު ގޯސް. ބާސާ މިހާރު ތަޖުރިބާކުރަމުން އެގެންދާ ނާކާމީ ވަނީ މިކަމާއި ގުޅިފަ. ލަޕޯޓޭ މިކަމުގެ ޒިންމާ ނަގަން ޖެހޭނެ." ބާޓެމެއޫ ބުންޏެވެ.
މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވުމުން ވެސް މެސީ ހުރީ 50 އިންސައްތަ މުސާރަ ކުޑަކޮށް ވެސް ބާސާގެ އައު އެއްބަސްވުމުގައި ސޮއިކުރަން ނިންމައިގެން ކަމަށާއި އެއާއި އެކު 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާންވެސް ހުރީ ތައްޔާރަށް ކަމަށް ވެސް ބާޓެމެއޫ ބުންޏެވެ. އެކަމަކު މެސީގެ އެއްބަސްވުން އާނުކޮށް މެސީ ދޫކޮށްލަން ކުލަބުން ނިންމި ކަމަށާއި އެގޮތުން މެސީގެ މިހާރުގެ ކުލަބު ފްރާންސްގެ ޕީއެސްޖީއަށް މެސީ ބަދަލުވެފައިވާ ކަންވެސް ބާޓެމެއޫ ފާހަގަ ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް