ގެއްލުނު ކުއްޖާ އަދިވެސް ނުފެނޭ، 10 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލައިފި

އިއްޔެ މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗުން މޫދަށް ވެއްޓި ގެއްލުނު ކުއްޖާއަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެކުއްޖާ މޫދަށް ވެއްޓުނީ ލޯންޗަށް އެރި ރާޅަކާއި އެކު މ...

17 Oct 2021 | 04:36

އިއްޔެ މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗުން މޫދަށް ވެއްޓި ގެއްލުނު ކުއްޖާއަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެކުއްޖާ މޫދަށް ވެއްޓުނީ ލޯންޗަށް އެރި ރާޅަކާއި އެކު މަންމަ އާއި އެއްބަނޑު އެއްބަވާ އިތުރު ކުއްޖަކާއިއެކު އެވެ. މި ހާދިސާގައި އަނެއް ކުއްޖާ ސަލާމަތް ކުރެވުނު ނަމަވެސް ދެ ކުދިންގެ މަންމަ ވަނީ ނިޔާވެފަ އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ކުއްޖާ ހޯދުމަށް ކޯސްޓުގާޑު ޝިޕް ޝަހީދު އަލީ އިއްޔެއިން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އާއިލާއިންވެސް ކުއްޖާ ހޯދުމުގައި ބައިވެރިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް10 ކިލޯމީޓަރުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.އެކަމަކު ކުއްޖާގެ އެއްވެސް ހިލަމެއް ނުފެންނަ ކަމަށެވެ.

ކުއްޖާލައިގެން ހުރީކަޅު ކުލައިގެ ޓީޝާޓެއް ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުން ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ.

އިއްޔެ ހަވީރު 5:30 ހާއިރު އޮޅުވެލި ރިސޯޓް ކައިރީ މި ހާދިސާ ހިނގި އިރު ލޯންޗުގައި 12 މީހުން ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް