އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ ތާވަލުގެ ފަސްވަނައަށް ވެއްޓުނުއިރު، ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލްގެ އެއްވަނަ އަށް ޗެލްސީން ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް ބަލިވީ 2-4 ގެ ނަތީޖާއަކުންނެވެ.
ލެސްޓާ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން ދައް ކުޅުމެއް ފެނިގެން ދިޔައިރު، އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ވިންގާ މޭސަން ގްރީންވުޑެވެ. އެހެން ނަަަވެސް މެޗުގެ 31 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ހެދި ގޯހެއްގެ ފައިދާ ނަގައި ޔޫރީ ޓީލެމަންސް ވަނީ ލެސްޓާއަށް ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ތީމުން ވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ 78 ވަނަ މިނެޓުގައި ޝަލްގާ ސޮޔުންޗޫ ވަނީ ލެސްޓާގެ ދެވަނަ ލަނޑު ޖަހައިދީ މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ފަހު ހާފަށް ކުޅެނ ނިިކުތް މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް އަލުން މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ލެސްޓާއިން އަލުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕެޓްސަން ޑަކާ ވަނީ ލަނޑެއް ޖަހައި، ލެސްޓާގެ ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން 14 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 17 ޕޮއިންޓާއި އެކު މެންޗެސްޓާ ސިޓީއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންގްލެންޑުގެ ޑިފެންޑަރު ބެން ޗިލްވެލްއެވެ.
ރޭ ބްރެންޓްފޯޑް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޗެލްސީ އަލުން ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު އަށް މެޗުން 19 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް