ޖަރުމަން ލީގުގައި ރޭ މައިންޒް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލުގެ އެއްވަނަ މަގާމަށް ބޮރޫޝިއާ ޑޯޓްމުންޑް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކޯ ރޮއިސްއެވެ.
މި ލަނޑަށް ފަހުވެސް ޑޯޓްމުންޑުން ރަނގަޅަށް ކުޅެމުން ދިޔައިރު، އެ ޓީމުން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން މައިންޒުގެ ސިލްވަން ވިޑްމާގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ 87 ވަނަ މިނެޓުގައި މައިންޒުން ލަނޑެއް ޖަހައި، ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.
މި މެޗުގައި ހާލަންޑް ދެ ލަނޑު ޖެހިއިރު، މިއީ މިފަހަރުގެ ސީޒަނުގައި ޑޯޓްމުންޑަށް ކުޅެދިން ހަ މެޗުގައި އޭނާ ކާމިޔާބު ކޮށްދިން ނުވަނަ ލަނޑެވެ.
ރޭ މައިންޒް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޑޯޓްމުންޑް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ހަތް މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. ނަމަވެސް މިރޭ ލެވަކޫސެންއާއި ދެކޮޅަށް ކުޅޭ މެޗުން ބަޔާން މޮޅެއް ހޯދައިފިނަމަ އެޓީމަށް އަލުން ތާބަލްގެ އެއްވަނަ ލިބޭނެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަށިން 6:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް