ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ދިޔާނާއާ އަލީ ޒާހިރުގެ ނަން ރައީސް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދާއި އަލީ ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ. ރައީސުލް...

17 Oct 2019 | 08:54

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދާއި އަލީ ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޒު މަހާޒު އަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޒާ ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. ދިޔާނާއަކީ ކުރީގެ ބަންޑާރަ ނައިބުގެ މަގާމު އަދާ ކުރައްވާފައިވާ ކަނބަލެކެވެ. އޭނާއަކީ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު އަނބިކަނބަލުންވެސް މެއެވެ.

ދިޔާނާއާ މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއު ކުރެއްވުމަށްފަހު ރައީސަށް ހުށަހެޅުއްވި ދެ ނަމެވެ. މި ދެބޭފުޅުންގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީ ހައިކޯޓު ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެ މަގާމުގައި މީގެކުރިން ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ދާދިފަހުން ވަކި ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް