ގާޒީ ހަސަން ސައީދަށް އެޅި ފިޔަވަޅު ގާނޫނާއި ހިލާފު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށްފަހު، ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމި ނިންމުމަކީ ގާނޫނާއި ހިލާފު ފިޔަވަޅެއ...

17 Oct 2019 | 07:12

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށްފަހު، ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމި ނިންމުމަކީ ގާނޫނާއި ހިލާފު ފިޔަވަޅެއްކަން ހާމަވެއްޖެއެވެ.

ޖޭއެސްސީން އިއްޔެ ބުނީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށާއި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުރުން ކަނޑައަޅައި ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނަށް ބަލައިގަތުމަށް ނިންމި ކަމަށެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓަށް ޖަވާބު ދިނުމަށް އަލްއުސްތާޒު ސައީދަށް އެ ކޮމިޝަނުން ފުރުސަތު ދިން ކަމަށާއި އެ ފުރުސަތުގައި ލިޔުމުން ހަސަން ސައީދު ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިއާޔަތްކޮށް ފަނޑިޔާރުގެ ސުލޫކަށް އަސަރު ފޯރާ ކަންތައްތަކެއް ހުރި ކަމަށް ޖޭއެސްސީން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމާއި އެކު ފަނޑިޔާރު މިހާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ހަސަން ސައީދު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އަންނަ ކޯޓު ބަދަލު ނުކުރެވޭނެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ޖޭއެސްސީން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް