ކާޑާއި އޮންލައިންކޮށް ކަސްޓަމަރުންކުރާ މުޢާމަލާތްތައް، ވިޔަފާރިތަކުން ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.
އަލަށް ތައާރަފްކުރެވުނު އެމްޕޮސް އެޕް ބޭނުންކޮށްގެން ކްރެޑިޓް، ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ގިނަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް ކޮންމެވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެއެވެ. މިއީ ވިޔަފާރިތަކަށް ލުއި ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެވޭ އެންމެ ޒަމާނީ އެއް ވަސީލަތެވެ. އެމްޕޮސް އާއެކު މިއަދު ވަނީ ބީއެމްއެލް މަރޗަންޓް ޕޯޓަލްގެ ޚިދުމަތްވެސް ތައާރަފްކޮށްފައެވެ. މި ޚިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސްސެކްޝަންތަކުގެ ތަފްސީލް ބަލައިލުމާއި ވިޔަފާރީގެ ރިޕޯރޓްތައްވެސް ތައްޔާރުކޮށްލެވޭނެއެވެ. މި ޚިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްލައިގެންވެސް މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭނެއެވެ.
މިއަދު ތައާރަފްކުރެވުނު އިލެކްޓްރޯނިކް ޕޭމަންޓް ޚިދުމަތްތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދު ތައާރަފްކުރެވުނު ޚިދުމަތްތަކާއެކު ބޭނުން ވަގުތަކު ފަސޭހަކަމާއެކު ރައްކާތެރިކޮށް ފައިސާގެ މުއާމަލާތްކުރެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކާއެކު މުޢާމަލާތްކުރައްވާ ކަސްޓަމަރުންނަށްވެސް މި ޚިދުމަތުގެ ފައިދާ ލިބިގެންދިޔުން. މި ޚިދުމަތުގެ ސަބަބުން ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތްކުރުމުގެ އިތުރުން ނަގުދު ފައިސާއާ ނުލައި މުޢާމަލާތްކުރާ މުޖުތަމައަކަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ" ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބީއެމްއެލްގެ ޕީއޯއެސް ނެޓްވަރކް މެދުވެރިކޮށް ކާޑާއި ޑިޖިޓަލް ވޮލެޓް ހިމެނޭ ގޮތަށް ހުރިހާ ކޮންޓެކްޓްލެސް ޕޭމަންޓްތައްވެސް ބަލައިގަނެވޭނެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އަލީ ޕޭ، ގޫގުލް ޕޭ، އަދި އެޕަލް ޕޭ އިން ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖެއަށް އެންމެ ފުރަތަމަ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި ކޮންޓެކްޓްލެސް ޕޭމަންޓްސް ތައާރަފްކުރި ބޭންކެވެ. ބޭންކުންދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި ހަމައެހެންމެ 'އަހަރެންގެ ބޭންކް' އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބީއެމްއެލް އިން ދަނީ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް