ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފް ކޮށްފިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި، މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއްވަނީ ތައާރަފް ކޮށްފައެވެ. މީގެ ތެރޭގައި މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓަރކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ. އަލަށް ތައާރަފް ކުރެވުނު މާސްޓަރކާޑް އަދި މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓަރކާޑް ޕްރޮޑަކްޓްސްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑު ތަކެއް ކަމަށް ބޯއެމްއެލް އިން ބުނެއެވެ.
މާސްޓަރކާޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޢަލީ ހާޝިމް އެވެ.
ބީއެމްއެލް އިން ބުނީ، މާސްޓަރކާޑް ތައާރަފްކޮށްފައި މިވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ބީއެމްއެލް އާއި މާސްޓަރކާޑަކީވެސް ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށްވުމުން، މި ގުޅުމާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމުގައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް