ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރި މުޢާމަލާތްކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ބިޒްނަސް ޑެބިޓް ކާޑު ތައާރަފް ކޮށްފިއެވެ.
މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެއެވެ.
މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު އިފްތިތާހު ކޮށްފައިވަނީ މާސްޓަރކާޑް ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރުމަށް މިއަދު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާގައެވެ.
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ބޭންކް އޮފް މޯލްޑިވްސް އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އެވިޔަފާރިތަކުގެ ބޭނުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ތައާރަފްކުރެވުނު މުހިންމު ޚިދުމަތެއް ކަމަށެވެ.
"މިކާޑު ލިންކް ކުރެވިގެންދާނީ ވިޔަފާރި އެކައުންޓަށްވުމުން ފަސޭހަކަމާއެކު ކޮންމެ ތަނަކުންވެސް ކަސްޓަމަރުންނަށް ފައިސާގެ މުޢާމަލާތްތައްކޮށްލެވޭނެ. މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަސޭހަ ވެގެންދާނެ. އަޅުގަނޑުމެން ދޫކުރާ އެހެން ކާޑުތަކެކޭ އެއްގޮތަށް މި ތައާރަފް ކުރެވުނު ބިޒްނަސް ޑެބިޓް ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗަރސް އެކުލެވޭ ކާޑެއް" ޓިމް ސޯޔަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މާސްޓަރކާޑު ބިޒްނަސް ޑެބިޓްގެ އިތުރު މައުލޫމާތު ބޭންކްގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް