ބަންގްލަދޭޝް މީހަކު މެރުމުގެ ކުށް ސާބިތުވެ ބަބުލް މިއާ އުމުރަށް ޖަލަށްލައިފި

ތ. ގުރައިދޫގައި 2020 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާ ތޫނު އެއްޗަކުން ހަމަލާދީ މެރުމުގެ ކުށް ސާބިތުވެ ހަމަ އެ ޤައުމުގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއާ އުމުރަށް ޖަލަށްލައ...

17 Sep 2026 | 14:38
ފޮޓޯ: ތ. ގުރައިދޫ ކައުންސިލް

ފޮޓޯ: ތ. ގުރައިދޫ ކައުންސިލް

ތ. ގުރައިދޫގައި 2020 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާ ތޫނު އެއްޗަކުން ހަމަލާދީ މެރުމުގެ ކުށް ސާބިތުވެ ހަމަ އެ ޤައުމުގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއާ އުމުރަށް ޖަލަށްލައި އެއް މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ޝާހް އަލަމް މިއާ މަރާލާފައި އޮއްވައި ފެނިފައިވަނީ ތ. ގުރައިދޫގެ ސިނާއީ ސަރަހައްދުގައި އޭނާ ދިރިއުޅެމުން ދިޔަ ގެއާ ކައިރިންނެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ދެ މީހުންގެ ދެމެދުގައި ޖެހުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

ދައުލަތުން ބަބުލް މިއާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ޝަރީޢަތުން އެ ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު މަރުވި ފަރާތުގެ ވާރިސުންގެ ބަސް ހޯދިއިރު ވާރިސުން އެދިފައިވަނީ މަރުގެ އަދަބުގެ ބަދަލުގައި މަރުގެ ދިޔަ ނެގުމަށެވެ.

އެހެންވެ ކޯޓުން ހުކުމްކުރީ ބަބުލް މިއާ އުމުރަށް ޖަލަށްލައި ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމުގެ އިތުރުން އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަބުލް މިއާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު ހުކުމުން އުނިކުރެވޭނެއެވެ.

މި ހާދިސާ ހިނގީ 2020 ވަނަ އަހަރު ކަމަށް ވާއިރު ހަ އަހަރު ފަހުން މި މައްސަލައިގެ ނިޔާ ކަނޑައެޅިގެން ދިޔައީ އިއްޔެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް