ޞިއްޙީ ދާއިރާގެ ހިއްސާއާއިއެކު ރައްކާތެރި ޞިއްޙީ ޚިދްމަތެއް ޤާއިމް ކުރުމުގެ މަގްސަދުގައި، ނެޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް ލޯންޗުކޮށްފިއެވެ.
ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު އެޗްއޯ)ގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މި ފްރޭމްވޯކް ލޯންޗުކޮށްފައިވަނީ މިރޭ މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މި ފްރޭމްވޯރކްގައި ބައިނަލްއަޤްވާމީ ގޮތުން އަމަލުކުރާ އެންމެ ރަނގަޅު ގޮތްތައް ހިމެނިފައިވުމުން ރަނގަޅު ޚިދްމަތެއް ފޯރުކޮށް ދިނުމަށްޓަކައި ޞިއްޙީ ޚިދްމަތްތެރިންނަށް އެކިކަންކަން ދަސްކުރުމަށާއި އަދި ޚިދްމަތްތައް ރަނގަޅު ކުރުމަށް މަގުފަހިކޮށްދެވޭއިރު މިކަންކަން ހާސިލް ކުރުމަށް ބޭނުންވާފަދަ ހުޅުވިފައިވާ މާހައުލެއް އުފެއްދުމަށް އެހީތެރިވެދެއެވެ.
ޕޭޝަންޓް ސޭފްޓީ ފްރޭމްވޯރކްއިން ރައްކާތެރި ސިއްޙީ ޚިދްމަތް ދިނުމަށްޓަކައި ބޭނުންވާ ސްޓޭންޑަޑްތަކާއި އެހީތެރިކަން ފޯރުކޮށްދޭއިރު މިއީ ނޭޝަނަލް، ސަބް ނޭޝަނަލް އަދި ސަރުކާރު އަދި ޕްރައިވެޓް ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައާއި އަދި ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ސްކީމްތަކާއި އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމަށާއި މީގެ އިތުރުން ޞިއްޙީ ދާއިރާގެ ބޭރުން ސަރުކާރާއި-ޕްރައިވެޓް ދާއިރާގެ އިތުރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންނާއިއެކު އޮންނަންޖެހޭ ގުޅުމުގެ މައްޗަށްވެސް ބަލައިލެވިފައިވާނެ ކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮންމެ އަހަރެއްގެވެސް 17 ސެޕްޓެމްބަރަކީ "ވޯރލްޑް ޕޭޝަންޓް ސޭފްޓީ" ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް