ޤައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް ބީއެމްއެލް

ދިވެހިރާއްޖޭގެ ކުޅިވަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަންފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސަރޝި...

17 Sep 2019 | 15:10

ދިވެހިރާއްޖޭގެ ކުޅިވަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަންފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސަރޝިޕް އެގްރިމަންޓެއްގައި އެ ބޭންކުން މިއަދު ސޮއި ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރުއެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖްރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ތިން އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތްވެސްމެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ބޭންކަށް ވަރަށް މުހިންމު އަދި ޚާއްސަ ސްޕޮންސަރޝިޕެއް ކަމަށެވެ. މި އަހަރަކީ ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސަރޝިޕް އިތުރަށް ޚާއްސަ ވެގެންދާކަމަށެވެ.

"މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުންމިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ބޭންކްގެ ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލް އަކީ ޤައުމީ ފުޓްބޯޅަޓީމް ތަކުގެ އޮފިޝަލް ސްޕޮންސަރ އެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަން ގެ ޔޫތް ޑިވެލޮޕްމަންޓް ޕާރޓްނަރގެ އިތުރުން ސުވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ނޭޝަންވައިޑް ޕާރޓްނަރ އަކީވެސް ބީއެމްއެލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް