ޔުނިސެފް ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑޮކްޓަރ މުނީރު ސަފިލްޑިން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު މުލިއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުންނާއި، ޑޮކްޓަރ މުނީރު ސަފިލްޑިން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ކުށްކުރާ ކުޑަކުދިން އިޞްލާޙުކުރުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ކުރެވިދާނެ ކަންތަކާމެދު މަޝްވަރާކުރެއްވިއެވެ.
އަދި ބެލެނިވެރިންގެ ފުރިހަމަ ސަމާލުކަން، ފުރާވަރުގެ ކުދިންގެ ނަފްސާނީ ކަންކަމުގައި ދިނުމަށާއި، އެކުދިންނަށް ދިމާވާ މައްސަލަތަކާ ބެހެގޮތުން މަޝްވަރާ ކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާއި މެދު ހޭލުންތެރިކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.
ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އިތުރުން އެކުދިންގެ ދިރިއުޅުން ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ޙާއްސަގޮތެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާބެހޭ ދާއިރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް