ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ފިލައިގެން އިންޑިއާ އަށް ދިޔަ މައްސަލާގައި ކުރީގެ ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރެވުނު ދައުވާގައި ޝަރީއަތުގައި އިއުތިރާފްވުމުން، އޭނާއަށް ހުކުމް ކުރުން ފަސް ދުވަސްތެރޭ ބާއްވާނެ ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެއްޖެއެވެ.
އަދީބުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. މި ދައުވާގައި ދައުލަތުން ބުނެފައިވަނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ބޭރަށް ކަނޑުމަގުން ޓަގު ބޯޓެއްގައި ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ގެނެސްފައިވާ ކަމަށާއި، އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެއީ ހަތަރު މަހާއި 24 ދުވަސް ނަމަވެސް އަދީބު އެކުށަށް އިއުތިރާފް ވެއްޖެނަމަ އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދީބު ވަނީ މިއަދުގެ ޝަރީއަތުގައި ކުށަށް އިއުތިރާފްވެފައެވެ. އަދި އެކަމަށް ދައުލަތުގެ އިސްވެރިންނާއި، ކަމާބެހޭ ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިފައެވެ.
"ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއަކަށް ވެގެން އިންޑިއާގެ ތޫތުކުޑި ބަނދަރަށް އެތެރެވާން އުޅެނިކޮށް އަދީބު އަތުލައިގަތީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގައެވެ. އޭނާ އެ ބޯޓުގައި ހުރިކަން ފަޅާ އަރުވާލީ ބޯޓުގެ ކްރޫއެއް ކަމަށްވެއެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދީބު އަނބުރާ ފޮނުވާލުމުން ދިވެހި ފުލުހުން ވަނީ ކަނޑުމަތިން އަދީބު ހައްޔަރުކޮށް ރާއްޖެ ގެނެސްފައެވެ.
އަދީބު ރާއްޖެ ގެނެސް ބަންދު ކުރިއެވެ. ނަމަވެސް ޓްރެކިން ޓެގެއް އެޅުވުމަށްފަހު މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް