ކުޅުދުއްފުށި ސުކޫލެއްގައި އިންޑިއާގެ ދީނީ ހަފްލާއެއް ބޭއްވި ޚަބަރު އެރަށު ކައުންސިލުން ދޮގުކޮށްފި

ހދ. ކުޅުދުއްފުށި އަމީރު އަމީން ސުކޫލުގައި އިންޑިއާގެ އެއްވެސް ދީނީ ހަފްލާއެއް ނުބާއްވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އަމީރު އަމީން ސުކޫލުގައި އިންޑިއާ ޓީޗަރުންތަކެއް މިދިޔަ ހުކުރު ދުވަހު ބޭއްވ...

17 Sep 2019 | 06:57

ހދ. ކުޅުދުއްފުށި އަމީރު އަމީން ސުކޫލުގައި އިންޑިއާގެ އެއްވެސް ދީނީ ހަފްލާއެއް ނުބާއްވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އަމީރު އަމީން ސުކޫލުގައި އިންޑިއާ ޓީޗަރުންތަކެއް މިދިޔަ ހުކުރު ދުވަހު ބޭއްވި "ގެޓް ޓުގެދަރ" އެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޚަބަރުތައް ފެތުރިފައި ވަނީ އެ ސުކޫލުގައި އިންޑިއާގެ ދީނީ ހަފްލާއެއް ބޭއްވީ ކަމުގައެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، މިދިޔަ ހުކުރު ދުވަހު މެންދުރު އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިއާގެ ހިންދޫ ދީނުގެ އިހުތިފާލެއް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެވާހަކަތައް ދޮގުކޮށް، ކުޅުދުއްފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެރަށުގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުން އެ ހަފްލާ ކުރިއަށް ގެންދިޔައީ ސުކޫލުގެ ހުއްދައާއި އެކުގައި ކަމަށާއި، ހުއްދަ ދިނީ އިސްލާމް ދިނަށް ފުށުއަރާގޮތަށް ހަރަކާތްތައް ނުހިންގުމަށް އަންގައި އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށެވެ.

އެ ހަފްލާއަކީ އިންޑިއާ ޓީޗަރުން އެއްތަނަކަށް އެއްވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭއްވި ހަފްލާއެއް ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ހުކުރު ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދިޔަ އެ ހަފްލާގައި ދިވެހި ބައެއް ޓީޗަރުންނާއި އިންޑިއާ އަށް ނިސްބަތްވާ މުސްލިމް ޓީޗަރުންވެސް ވަނީ ބައިވެރިވެފައެވެ. އިސްލާމް ދީނަށް ފުށުއަރާފަދަ އެއްވެސް އަމަލެއް އެ ހަފްލާގައި ނުހިންގާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް