މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވާން ނިންމައިފިއެވެ.
އަބޫދާބީ ފަންޑުން މި ޔަޤީންކަން ދެއްވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.
އިސްލާމީ ގައުމު ތަކުގު ކުއްލި ބައްދަލުވުމަކަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި މިނިސްޓަރު ޝާހިދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް އާއި ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލުވުން ވަރަށް ޕޮޒިޓިވް ކަމަށެވެ.
ދެބޭފުޅުން މަޝްވަރާކުރެއްވީ ދިވެހި ސަރުކާރުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކާއި ގުޅޭ ގޮތުން ކަމަށް ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް ވިދާޅުވިއެވެ.
https://twitter.com/MoFAmv/status/1173592409248165889
ނިޔާޒް ވިދާޅުވިގޮތުގައި، އެންމެ މުހިންމު ކަމަކަށް ދެބޭފުޅުން މަޝްވަރާކުރެއްވީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގެދަށުން ތަރައްޤީކުރާ ނ. މާފަރު އެއާޕޯޓް ނިންމާ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން ކަމަށާއި، އެއާޕޯޓްގެ މަސައްކަތްތައް ނިންމައި ދިވެހި ސަރުކާރާއި ގުޅިގެން އެއާޕޯޓްގެ އޮޕަރޭޝަންތައް ހިންގާނެ ގޮތަކާއި ގުޅޭގޮތުންނެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ރަށްތައް ގުޅާލުމުގެ މަޝްރޫއާއި، އައްޑޫ ތަރައްގީގެ މަޝްރޫއު ހިންގުމަށް އެފަންޑުން ފައިސާ ހޯދުމަށް މިނިސްޓަރު ޝާހިދު އެދިފައިވާ ކަމަށް ނިޔާޒް ވިދާލުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް