ކުރީގެ އަދަދާ ގުޅޭ...
"ވަޓް ޖަސްޓް ހެޕެންޑް؟" ނަޒާން ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރެފައި ސުމާ އަހައިލިއެވެ. އެވީ ގޮތެއް ޝައިލާ އަކަށްވެސް ނޭންގުނެވެ. ޝައިލާ ކޮނޑު އަރުވައިލީ ނަޒާން ނިކުމެގެން ދިޔަ ދިމާލަށް ނަޒަރު ހުއްޓައިގެން އިނދެއެވެ.
"ޝައި" ޝައިލާ ގަނޑުވެފައި އިނުމުން ސުމާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. އެއަޑަށް ޝައިލާ ދިޔައީ ސިއްސައިގެންނެވެ.
"ޝައި ދަންނަ ކުއްޖެއްތަ އެއީ؟" އަނެއްކާވެސް ސުމާ އަހައިލިއެވެ. ޝައިލާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ. ޝައިލާގެ މޫނަށް ބަލަން ހުރި ސުމާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ޝައިލާގެ އަތުގައި ހިފައިގެން ދިޔައީ ފޮޓޯ އެއް ނަގާށެވެ.
ޕާޓީ ނިންމާފައި ގެއަށް ދިޔައިރު ވެސް ޝައިލާ އިނީ ހިޔާލަކަށް ގެއްލިފައެވެ. ޝައިލާ ވިސްނަމުން ދިޔައީ މިރޭ ޕާޓީން ދިމާވި ޒުވާނާ އާއި ދޭތެރޭއެވެ. އެއީ އަލަށް ދިމާވި ޒުވާނެއް ނަމަވެސް ހީވަނީ އެއީ ވަރަށް ކުރިންވެސް ދަންނަ މީހެއްހެންނެވެ. ހިތައް ހީވަނީ ސުނާމީއެއް އަރައިގެން އުޅޭހެންނެވެ.
"ޝައި ކޮންމެވެސް ކަމެއްވެއްޖެ... ބުނެބަލަ ވީގޮތެއް؟" ގޭ ދޮރުމަތީގައި ސައިކަލު ޕާކުކޮށްލަމުން ސުމާ އަހައިލިއެވެ. ބުނާނެ އެއްޗެއް ނޭންގުމުން ޝައިލާ ބޯ ހޫރައިލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ.
"ވަޓްސް ހެޕެނިންގ؟" ޝައިލާ ހިނގައިގަތުމުން ސުމާ ފަހަތުން ދުއްވައިގަތެވެ. ޝައިލާ ހަމަ ބަހެއްވެސް ނުކިޔައި އެދިޔަގޮތަށް ދިޔައީއެވެ.
***
"ނަޒާން ޕާޓީ ނުވެސް ނިމެނިސް ކޮންތާކަށް ދިޔައީ؟" ނަޒާން އައިސް ގެއަށް ވަނުމުން ނާޒިމާ އަހައިލިއެވެ. ކައިރީގައި ނަޒާންގެ ބައްޕަ، ސަމީރު ވެސް އިނެވެ. އެންމެންވެސް ތިބީ ނަޒާން ކުއްލިއަކަށް ދިއުމުން ހިތްހަމަނުޖެހިފައެވެ. މިރޭ އޮތީ ސަމީރަށް ބޮޑުބޭބެ ކިޔާ ޖައިލަމްގެ ކައިވެނި ޕާޓީއެވެ. ޖައިލަމަކީ ސަމީރު ނިކަން ލޯބިވާ ކުއްޖެކެވެ. ޖައިލަމް މެލޭޝިޔާގައި ކިޔެވިއިރު ހުރިހާ ޚަރަދެއް ކުރީ ސަމީރު ކަމުން، ދަރިއެއް ފަދައިން ލޯބިވާކަން ވަރަށް ބޮޑަށް ސާބިތުވެއެވެ. އެއީ ވެސް ނަޒާން ނިކަން ރުޅި އައި ކަމެކެވެ. އާއިލީ ފޮޓޯއެއް ނަގަން ބަލައިލިއިރު ނަޒާން ފެންނަން ނެތުމުން އެންމެންވެސް ތިބީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.
"އަހަރެންގެ އާއިލާ މީހުންނަކަށް އިހްތިރާމެއް ނުކުރާނެ... ތިބުނީ ވިއްޔަ ޕާޓީއަށް ވެސް ގެންދިޔައީ ގަދަކަމުންނޭ" ނަޒާން އެއްޗެއް ބުނުމުގެ ކުރިން ސަމީރު ބުނެލިއެވެ. ސަމީރު މިހެން ބުނިއިރު އިނީ އިސްޖަހައިގެންނެވެ. ބައްޕަ އާއި ދިމާލަށް ބަލައިލުމަށްފަހު ނަޒާން ދިޔައީ ކޮޓަރިއަށެވެ. އެކަމާ ދެބަސްވުމަށްވުރެ މާބޮޑު ހައިޖާނުގަނޑެއް ހިތުގައި ވަނީ އުފެދިފައެވެ.
ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު ނަޒާން އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީސް ނަގައި މޫނުމަތީގައި އެޅުމަށްފަހު ލޯ މަރައިލިއެވެ. ނަޒާނަށް އެވަގުތު ފެނުނީ ކުރިމަތީ އިށީންދެ އިން ރީތި އަންހެން ކުއްޖާއެވެ. އެކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ނުތަނަވަސްކަމެވެ. ހިތް ބިރުގަނެފައި އިންކަން އެ ލޮލުން ވެސް ފެނުނެވެ. އެވަގުތު ނަޒާންގެ ހިތައް ކުރުވި އަސަރުތައް ބުނެދޭން ވެސް ދައްޗެވެ. އެ އިހުސާސްތައް ކޮޅުންލައިގެން ގޮސްދާނެހެން ހީވުމުން އެތަނުން ނިކުމެގެން ދިޔައީއެވެ. އެމަންޒަރުތައް ލޮލަށް ސިފަވަމުން ދިޔަ ވަރަކަށް ހިތުގެ ހިނގުން ވެސް އަވަސްވަމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މޫނުމަތިން ބާލިސް ނެގިއެވެ. އެވަގުތު މޫނުމައްޗަށް ފިނިވެގެން ދިޔައެވެ.
"ޝައި" ނަޒާން ކިޔައިލިއެވެ. ހަމައެއާއި އެކު ހިތް ބިރުގަންނަން ފަށައިފިއެވެ. އަނެއްކާ އެއީ ޝައިގެ ކެވެލިކޮޅެއްބާއެވެ. ނޫނެކެވެ. އެހެން ވާކަށް ބޭނުމެއް ނޫނެވެ. މިވީ ފަސް އަހަރުތެރޭގައި މިފަދަ ގޮތަކަށް ހިތުގައި ރާޅެއް ނެގި މީ ފުރަތަމަ ފަހަރެވެ. ދިވާމި ދެ ބައްދަލުވުން ވެސް އެހާ ހިތްގައިމެވެ. ދެ ފަހަރުވެސް އެމޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އެ ކުލަވަރު ވެސް އެހާ ލޯތްބެވެ. ބަލާ ފޫހިނުވާހާ ހިތްގައިމެވެ. ހިނިތުންވެލައިފިނަމަ ނަޒާންގެ ހިތައް ވާނެގޮތް ހިތައް އެރުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.
****
"އިނގޭތަ އެކުއްޖާ ފެނުނީމަ ވީގޮތެއް؟ ހަމަ ހީވަނީ ދަންނަ މީހެއްހެން... އެކަމް ޝައި އަށް ޔަގީން އެއީ ކުރިން ދުވަހަކުވެސް ފެނުން މީހެއް ނޫން... އޭނައާ އެއްކަލަ ދުވަހު ކެފޭ އިން ދިމާވިއިރުވެސް ޝައި ވަރަށް ބިރުގަތް... އަނެއްކާ މިރޭ ވެސް ޝައި އަށް ނޭންގެ ވީގޮތެއް ވެސް... ޝައި އަށް ހަމަ ހީވަނީ ޝައި އާ ގުޅުމެއް އޮންނަ މީހެއްހެން... ސުމް ބުނެބަ ޝައި އެއްވެސް އިރަކު މެމޮރީ ލޮސް ވިތަ؟" ސުމާގެ އަތައް ފިއްތައިލަމުން ޝައިލާ އަހައިލިއެވެ. އެމޫނުމަތިން އޭރުވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ނިތްކުރިއަށް ރޫ އަރުވައިގެން އިންއިރު، މޫނުމަތި ވަނީ ދާހިއްލާފައެވެ. އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ.
"އަޅެ ނުވެޔޭ... ޝައި ދިޔައީ ޑިޕްރެޝަންއަކަށްނު... އެންޑް ވީ ގޮޓް ޔޫ ބެކް" ޝައިލާ ގައިގައި ބައްދައިލަމުން ސުމާ ބުނެލިއެވެ.
"ދެން ކީއްވެ... ދެން ކީއްވެ ނަޒާން ފެނުނީމަ އެހެން އެވީ؟ ހީވަނީ އަސްލުވެސް... ހީވަނީ ހަމަ ވަރަށް ކްލޯޒް ގުޅުމެއް އޮތް މީހެކޭ... ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކޭ" ދުރު ބަލައިލަމުން ޝައިލާ ބުނެލިއެވެ.
"ނަޒާން އޭ؟" ސުވާލުގެ ނަޒަރަކުން ސުމާ އަހައިލިއެވެ.
"އޭނަ އަމިއްލައަށް ނަން ބުނީވެސް... ސުމް އަށް އިވުންތަ ދުވަހަކުވެސް ޝައި ނަޒާނެއްގެ ވާހަކަ ދައްކާ އަޑު؟ ބިފޯ އޯލް ދިސް؟" ޝައިލާ އަހައިލިއެވެ. ސުމާ އިސްތަށިތައް ފަޒާގެ ތެރެއަށް ވިހުރުވައިލަމުން ބޯ ހޫރައިލިއެވެ. މިއީ މިފަދަ ގޮތަކަށް އެހާ ހުޅުވައިލައިގެން ޝައިލާގެ އިހުސާސްތައް މި ފަހުން ބޭރުކުރި ފުރަތަމަ ފަހަރެވެ. ސުމާ ވެސް އިނީ ޝައިލާ ދައްކަމުން ދިޔަ ވާހަކައިން ހައިރާންވެފައެވެ.
"ޝައި ރިލެކްސް... ނިދަން އޮށޯވެފަ ވިސްނާލަބަލަ... މެއިބީ ސުކޫލް ފްރެންޑެއް ކަމަށްވެސް ވެދާނެ... ނޫނީ ގެއްލިފަ ހުރި ފްރެންޑެއް ކަމަށް ވެސް ވެދާނެ... ޝައި އަށް ތިއުޅެނީ ހަނދާން ނުވެގެން... ތަންކޮޅެއް ހަމަޖެހިލާފަ ވިސްނާލަބަލަ އިނގޭ" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ސުމާ ބުނެލިއެވެ. ބޯ ޖަހައިލުމަށްފަހު ޝައިލާ އޮށޯވެ ލޯ މަރައިލިއެވެ. ޝައިލާ އަށް ވަގުތު ދިނުމަށްފަހު ސުމާ އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.
އެހެން އޮވެގެން ޝައިލާ ވަރަށް ވިސްނައިފިއެވެ. ނަމަވެސް އެއީ ކާކުކަން އެއްގޮތަކަށް ވެސް ނޭންގުނެވެ.
"ނަޒާން އަޅެ ތީ ކާކުތަ؟ ޝައިއަށް ކިހިނެއްތަ މިވަނީ؟ ބިރުގަންނަނީ... ހާސްވަނީ... ނަޒާން ފެނުނީމަ ޝައި ކީއްވެތަ ބިރުގަންނަނީ؟ ނޫން... ހިތް ތެޅެނީ... ބިރުގަންނަނީ... މަންމާ... ތަދުވަނީ... ބިރުގަންނަނީ... ނަޒާން އެއީ ކާކުތަ؟ ފިނިވަނީ... ހީކަރުވަނީ... ޝައި އެކަނި ކޮށްލާފަ ނުދައްޗޭ.... ޝައި ބިރުގަންނަނީ... ހާސްވަނީ... ނޭވާ ހާސް..."
"ޝައި... ޝައި..." ސަމާހް ބާރަށް ގޮވައިލިއެވެ. ސިއްސައިގެންގޮސް ޝައިލާ އަށް ކުއްލިއަކަށް ލޯ ހުޅުވައިލެވުނެވެ. އޭރު ޝައިލާގެ މޫނުމަތި ވަނީ ދާހިއްލާ ފޯވެފައެވެ. ބޯ އަޅައިގެން އޮތް ބާލީސް ވެސް އޮތީ އެކަށް ތެމިފައެވެ.
"ޝައި ކީކޭތަ ތިކިޔަނީ؟" ޝައިލާ ކައިރީގައި އިށީންނަމުން ސަމާހް އަހައިލިއެވެ.
"ޝައި ކިހިނެއްތަ ވީ؟ ހުވަފެނެއް ފެނުނީތަ؟" ޝައިލާގެ ނިއްކުރީގައި އަތް ޖައްސައިލަމުން ސަމާހް އަހައިލިއެވެ. ސަމާހްގެ މޫނުމަތީގެ ހާސްކަން ފެނިފައި ޝައިލާ އަމިއްލަ ނަފްސް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.
"ރޭ ބޭސް ނުކައި ދޯ ނިދީ؟" ސައިޑް ޓޭބަލް މަތީ ހުރި ބޭސްގުޅަތައް ފެނުމުން ސަމާހް އަހައިލިއެވެ.
"އެއީ ތިވީ ގޮތަކީ... މީހަކު ނުބުނިއްޔާ ޝައި ހަމަ ފަރުވާކުޑަކޮށްލަނީ..."އެނދުން ތެދުވެ ދާން ހިނގައިގަންނަމުން ސަމާހް ބުނެލިއެވެ.
ސަމާހް ދިއުމުން ހަށިގަނޑު ދަމައިލުމަށްފަހު އެނދުގައި ލެނގިލިއެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލުމަށްފަހު ޝައިލާ ބަލައިލީ ކައިރީ ހުރި ބޭސްތަކަށެވެ. މިއަދު އެ ދިރިއުޅުމަށް އެންމެ ބާރުފޯރުވާ އެއްޗަކީ އެ ބޭސްތަކެވެ. މުޅި ހަށިގަނޑު ކޮންޓްރޯލް ކުރަމުން އެދަނީ އެ ކުދިކުދި ގުޅަތަކެވެ. މިއީ އެއްވެސް އިންސާފެއް ނޫނެވެ. އެ ގުޅަތައް ނުކައިފިނަމަ ހަމަނިދި ލިބެނީއެއް ނޫނެވެ. ހަމަޖެހިގެން ކާއެއްޗެއް ކެވެނީއެއް ނޫނެވެ. ތަބީޢަތް ގޯސްވެ މުޅި ސިކުނޑިއާއި ހިތާ ވެސް ކުޅެލައެވެ. އެގުޅަތައް އެހާވެސް ބާރުގަދައެވެ. އަމިއްލަ ދިރިއުޅުން މިޖެހުނީ މިހުރި ގުޅަތަކުގެ ބަރޯސާއަށް ދޫކޮށްލާށެވެ.
"މި ޖޫސްތަށި ބޯލާފަ ބޭސް ކާލާ" ޝައިލާ ސިއްސައިގެން ދިޔައީ ސަމާހް އައިސް ޖޫސްތައްޓެއް ދިއްކޮށްލުމުންނެވެ. ޝައިލާ ޖޫސްތަށި އެއް ނޭވާއިން ބޯލިއެވެ. އެއަށްފަހު ބޭސް ކައިގެން ކުޑަކޮށް ހަމަޖެހިލުމުގެ ގޮތުން އަނެއްކާވެސް އޮށޯވެ ލޯ މަރައިލިއެވެ.
"މާގިނައިރު ނޯންނައްޗޭ އިނގޭ... ކުޑައިރުކޮޅަކު ރެސްޓްކޮށްލާފަ ބޭރަށް ނިކުންނައްޗޭ... ދޮންބެ މިދަނީ އޮފީހަށް" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ސަމާހް ބުނެލިއެވެ. ޝައިލާ މަޑުމަޑުން ބޯ ހަލުވައިލުމުން ސަމާހް ދާން ހިނގައިގަތެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް