ވޯޓު ކަރުދާސް ނުދައްކާ ގުނަން އުޅޭކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި ވޯޓު ކަރުދާސް ކޮޅު މޮނީޓަރުންނާއި އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެއްކުމެއް ނެތި ގުނަން މަސައްކަތް ކުރަމުންދާ ކަމަށް ...

17 Sep 2018 | 14:40

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި ވޯޓު ކަރުދާސް ކޮޅު މޮނީޓަރުންނާއި އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެއްކުމެއް ނެތި ގުނަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފި އެވެ.

މިކަން ހާމަކުރެއްވީ އިދިކޮޅު ކޯލިޝަނުން މ. އަތޮޅަށް ކުރަމުންދާ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދިއްގަރަށް  ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ގުނާއިރު ކަރުދާސްކޮޅު މޮނީޓަރުންނާއި އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެއްކުމުގެ އިތުރުން ބާތިލް ނަމަ އޭގެ ސަބަބުވެސް ބުނެދެ އެވެ.

އިބޫ ވިދާޅުވީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކޮންމެ ވޯޓު ކަރުދާހެއް ވަކިވަކިން ދައްކަން ޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް ކަން ކުރަން ދޫނުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަނުން މަސައްކަތް ކުރަމުންދަނީ ގާނޫނު އަސާސީ އާއި މުޅިން ހިލާފު ކަންތައްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން ވަކިވަކިން ވޯޓު ކަރުދާސް ކޮޅު ދެއްކުމުގެ ބަދަލުގައި ވޯޓު ކަރުދާސް ކޮޅުތައް އެއްކޮށްލުމަށް ފަހު އިއުލާން ކުރާނީ ކަމަށާއި ޝަކުވާއެއް އޮވެއްޖެ ނަމަ އެކަން ބަލާނީ އޭގެ ފަހުގައި ކަމަށް އީސީން ބުނަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

"ވޯޓު ގުނަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި. އޮބްޒާވަރުންގެ ކުރިމަތީ. މިއީ އަޅުގަނޑުމެން ދޫކުރާނެ ކަންތައްތަކެއް ނޫން. ކޮންމެ ކަރުދާސްކޮޅެއް ނަގައި ދައްކަން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެފަދަ ކަންކަން ކުރަން އުޅުނު ނަމަވެސް އިދިކޮޅުގެ މަސައްކަތުން އެކަންކަން ފެއިލް ކޮށްލާނެ ކަމަށާއި ވޯޓު ގުނުމުގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް