މުސްކުޅި ކުރާ އުމުރާއި ގުޅޭގޮތުން ފަތުރަނީ އަސްލު ސިޓީއެއް ނޫން: މުއާޒު

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުންދާ 5000 ރުފިޔާ 70 އަހަރު ވުމުން ދޭ ގޮތަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ސިޓީ އަކީ އަސްލު ސިޓީ...

17 Sep 2018 | 07:53

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުންދާ 5000 ރުފިޔާ 70 އަހަރު ވުމުން ދޭ ގޮތަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ސިޓީ އަކީ އަސްލު ސިޓީއެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުވާފައިވާ ކަމަށް ބުނާ އެ ސިޓީގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން މުސްކުޅި ކުރާ އުމުރަކީ 70 އަހަރު ކަމަށް ހަމަޖައްސަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާކަމަށެވެ.

އެ ސިޓީގައި ފިނޭންސް މިނިސްޓަރަށް އަންގާފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހެދުމުގައި އެ ބަދަލާއި އެއްގޮތަށް އަމަލު ކުރުމަށް އަންގާކަމަށެވެ. އެގޮތުން މިހާރު 65 އަހަރު ފުރިގެން އެލަވަންސް ލިބެމުންދާ މީހުންގެ ތެރެއިން 70 އަހަރު ނުފުރޭ މީހުންގެ އެލަވަންސް ފައިސާ ބަޖެޓުގައި ނުހިމެނުމަށް އަންގާފައިވެ އެވެ.

މި ސިޓީ އާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެ ސިޓީގައި ބޭނުންކޮށްފައިވާ އޮފީސް ނަމްބަރަކީ އެ އޮފީހުގެ ސިޓީތަކުގައި ބޭނުން ކުރާ ނަމްބަރު ނޫން ކަމަށެވެ. އެ ސިޓީގައި ޖަހާފައިވަނީ 88 އެވެ. އޭނާ ވިދާޅުވީ އެއީ ޓޫރިޒަމް މިނިސްޓްރީން ފޮނުވާ ސިޓީތަކުގައި ޖަހާ ނަމްބަރު ކަމަށެވެ.

މުއާޒު ވިދާޅުވީ މިއީ ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ފިނޑި އަމަލެއް ކަމަށެވެ.

https://twitter.com/SpokespersonMV/status/1041578775694127104

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް