އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އެ ދައުރު ނިމޭއިރު ރާއްޖޭގެ އާބާދިއަށްވުރެ ގިނަ ވަޒީފާ އުފައްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ކުރިޔަށް ގެންދިޔަ ރިޔާސީ ބަހުސްގައި އެކަނިބައިވެރިވެވަޑައިގެން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިފަދަ ފުރުސަތުތަކެއް ފަހިކޮށްދެވޭނީ އެ މަނިކުފާނުގެ އިކޮނޮމިކް ޕެކޭޖު ނުހުއްޓި ކުރިއަށް ދާ ނަމަ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ އާބާވޓި އުޅެނީ ހަތަރު ލައްކައަށްވުރެ މަތީގައި ކަމަށް ވާއިރު 2023 ވަނަ އަހަރު ނިމޭއިރު ހަ ލައްކައަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް އޮންނާނެ ކަމަށެވެ.
އަދި އެއީ ރާއްޖޭގެ މަސައްކަތް ކުރާނެ މީހުން ނެތް މިންވަރެއް ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ރައްޔިތުން ޖެހޭނީ އުފައްދަމުންދާ ފުރުސަތުތަކުގެ ފަހަތުން ދުވަން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު އުފައްދައިދޭ އޮޕޮޗުނިޓީ ފަހަތުން އަބަދުވެސް އަންނަން ޖެހޭނީ. އެ އުފައްދައިދޭ އޮޕޯޗުނިޓީ ފުރިހަމަވާނެ. އެއީ ވަޒީފާގެ ފުރުސަތު އޮތް ގޮތް،" ރައީސް ވިދާޅުވި އެވެ.
ރޭގެ ޕްރޮގްރާމްގައި ރައީސް ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ރައްޔިތުން ދޭންޖެހޭ ސަބަބުތައް ހާމަކޮށްދެއްވާފަ އެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވިދާޅުވީ ނިމިގެން މިދާ ދައުރުގައި ރައްޔިތުން އުންމީދު ކުރި ވަރަށް ވުރެ މާ ދުރަށް އުންމީދުތައް ހާސިލް ކޮށްދެއްވާފައިވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް