މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރު ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 124 މީހުންނެވެ. އޭގެ ތެރެއިން 118 މީހަކު ޕޮސިޓިވްވެފައިވަނީ މާލެއިންނެވެ. އަނެއް ހަތް މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ.
ޕޮސިޓިވްވި 100 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ތިން މީހުންނާއި ނޭޕާލްގެ ދެ މީހެއްގެ އިތުރުން ފިލިޕިންސް މީހަކާއި ޔޫކްރެއިން މީހެއްގެ އިތުރުން އޮސްޓްރޭލިއާ މީހެކެވެ.
މިއަދު ބަލިން 139 މީހަކު ރަނގަޅުވެފައިވެ އެވެ. މިއާއި އެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 3،488 އަށް އަރާފައި އެވެ.
ބަލިން ރަނގަޅުވި ކަމަށް ބަލަނީ ބައްޔަށް ޕޮސިޓިވްވާތާ 14 ދުވަސް ހަމަވުމުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ އެވެ. ބަލިން ރަނގަޅުވި ކަމަށް ކަނޑައެޅުމަށް މިހާރު އިތުރަށް ކޯވިޑަށް ޓެސްޓެއް ނުކުރެ އެވެ.
ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 2،389 މީހުންނަށެވެ. މީގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑް-19 އަށް 5،909 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް