މާފުއްޓަށް އެރުމުގެ ހުއްދަ ނެތުމުން ވަކީލުންނަށް ޔާމީނާއި ބައްދަލެއް ނުކުރެވުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމަށް މިއަދުވެސް އެމަނިކުފާނާއި ބައްދަލު ކުރެވޭގޮތް ނުވި ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ. ކްރިމިނަލް ކޯޓުން އިއް...

17 Aug 2020 | 10:15

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމަށް މިއަދުވެސް އެމަނިކުފާނާއި ބައްދަލު ކުރެވޭގޮތް ނުވި ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދަން ބޭނުންވާ ލިޔުންތައް އެމަނިކުފާނަށް ލިބިފައި ނުވަނީ ވަކީލުންނާއި ބައްދަލު ނުކުރެވޭތީ ކަމަށް ޝަރީއަތުގައި ވިދާޅުވުމުން އެ ބައްދަލުވުން ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކޮށްފައި އެވެ. އެ އެންގުމާއި އެއްގޮތަށް މިއަދު ބައްދަލުވުމެއް ހަމަޖައްސައިދީފައިވެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މިއަދު މެންދުރު 2:00 އަށް ވަކީލުންގެ ބައްދަލުވުން ކަރެކްޝަންސްއިން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެކަމަކު ވަކީލުންގެ ޓީމުން އެ ރަށަށް ވަޑައިގެންނެވުމުން ރަށަށް އެރޭގޮތް ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ރައިސް ޔާމީނާއި ބައްދލު ކުރުމުގެ ހުއްދަ ދީފައިވީނަމަވެސް މާފުއްޓަށް އަރައި ބައްދަލު ކުރުމުގެ އިންތިޒާމް ކަރެކްޝަންސްއިން ހަމަޖައްސައިދީފައި ނުވާކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެއިން އެއްވެސް ރަށަކަށް ދެވޭނީ ހާލު ބެލުމުގެ ޕޯޓަސް މެދުވެރިކޮށް ހުއްދަ ހޯދައިގެންނެވެ.

މި ދުވަސްވަރު އަތޮޅު ތެރެއަށް ބަލި ފެތުރުން އިތުރުވެފައިވާތީ ރަށްރަށަށް ދިއުމުގެ ހުއްދަ ދެނީ ވަގުތީ ގޮތުން މާލެ އައިސް ތިބި މީހުންނަށާއި މާލޭގައި ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ތެރެއިން ތަން ދޫކޮށް ދިރިއުޅުން ރަށަށް ބަދަލު ކުރަން ޖެހޭ މީހުންނަށް އެކަންޏެވެ.

https://twitter.com/MJameelAhmed/status/1295295129494761479

ރައީސް ޔާމީން ވަކީލުންނާއި ބައްދަލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު މި މައްސަލަ ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައި އެވެ. ވަކީލުންގެ ބައްދަލުވުންތައް މެދު ކެނޑުނީ ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ.

ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ ރައީސް ޔާމީން އާއި ވަކީލުންނާއި ބައްދަލު ނުކުރެވިގެން އުޅެނީ އެމަނިކުފާނުގެ ވަކީލުން ބޭނުން ނުވާތީ ކަމަށެވެ. ކަރެކްޝަންސް އިން އެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އަމިއްލަ އިސްނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް