ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ އިތުރު 200 ބިދޭސީ އަކު ފުރުވާލައިފި އެވެ.
ބަންގްލަދޭޝްގެ އެ މީހުން ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ. މޯލްޑިވިއަން އިން ބުނީ މިއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގޮވައިގެން އެ އެއާލައިނުން ދަތުރު ކުރި 30 ވަނަ ފްލައިޓު ކަމަށެވެ.
މިހާތަނަށް އެ އެއާލައިނުން 5،733 މީހަކު އުފުލާފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މޯލްޑިވިއަންގެ އިތުރުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާން އެއާ އާއި އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓުތަކުގައިވެސް ފުރުވާލައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 20،000 މީހުން ފުރުވާލުމެވެ. މި މަސައްކަތް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެންނެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ މީހުންގެ ތެރެއިން ފުރުވާލެވެންދެން ކޮންޓެއިންމެންޓް ސައިޓުތަކުގައި ބަލަހައްޓަމުންދާ ބައެއް ބިދޭސީން ވަނީ ފިލާފައި އެވެ. އެމީހުން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ފުލުހުން މެދުވެރިކޮށް އިއުލާނުވެސް ކޮށްފައި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް