ފުލުހުންނަށް އަމާޒުކޮށް ސިޔާސީ ހަރަކާތް ހިންގާނަމަ ފިޔަވަޅުއަޅާނެކަމުގެ އިންޒާރުދީފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިޔަށްދާއިރު ފުލުހުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ކުރިޔަށްގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދީފިއެވެ. ފިޔަވަޅު އ...

16 Aug 2018 | 19:08

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިޔަށްދާއިރު ފުލުހުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ކުރިޔަށްގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދީފިއެވެ. ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި މިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ފުލުހުންނަށް އަމާޒުކޮށް ކެމްޕޭން ހަރަކާތްތައް ހިންގަމުން ގެންދާކަން ފާހަގަކުރެވޭކަމަށް ބުނެ، މިރޭ ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތަކެއް ހިންގަމުންދާއިރު، އެކިފަރާތްތަކުން މިފަދަ ހަރަކާތްތައް ފުލުހުންނަށް ޚާއްސަކޮށްގެންނާއި ފުލުހުންގެ މަރުކަޒުތަކަށް ގޮސް ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ފުލުހުންނަށް ޚާއްސަކޮށްގެން އެކިފަރާތްތަކުން ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ ހަރަކާތްތައް ހިންގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ ހަރަކާތްތައް ސީދާ ފުލުހުންނަށް ޚާއްސަކޮށްގެން އެއްވެސް ފަރާތަކުން ނުހިންގުމަށް އެދިފައިވެއެވެ.  ފުލުހުންނަށް އަމާޒުކޮށް އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ނެރެފައިވާ ބަޔާނުގައި  ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް