މާލިއްޔަތު ކޮމިޓީ އަކީ ރައްޔިތުންގެ މަޖިލީހުގައި ވަރުގަދަ ކޮމިޓީއެވެ. ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބޮޑު ކޮމިޓީއެކެވެ. އެ ކޮމިޓީން މިހާރު ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެކެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރުމެވެ. ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނަތްތެރިވެފައިވާއިރު އެކަންވީ ކިހިނެއްތޯ ބަލަންޖެހެއެވެ. އެހެންނަމަވެސް އެ ކޮމިޓީން މިހާރު މަސައްކަތްކުރަމުންދާ ގޮތަށް ބަލާއިރު އެ ކޮމިޓީގެ މަގުސަދާއި ދޭތެރޭ ސުވާލު އުފެދެއެވެ.
އެމްއެމްޕީއާރުސީ މައްސަލަ އަކީ އޭސީސީން ވަރަށް ބޮޑަށް ތަހުގީގުކޮށްފައިވާ މައްސަލައެކެވެ. އަދި އެ މައްސަލަ އާއި ގުޅޭ ބައެއް ކަންކަން މިހާރުވެސް ދަނީ އޭސީސީން ތަހުގީގުކުރަމުންނެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ކޯޓްތަކުގައި ދަނީ އެ ކަމާއި ގުޅޭ ޝަރިއަތްތައް ހިނގަމުންނެވެ. އެހެނަސް ކޮންމެ ދުވަހަކު މި މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ގެންގޮސް މާލިއްޔަތު ކޮމިޓީން އާއްމުކޮށް ހުޅުވާލައިގެން ސުވާލުކުރުމުން އޭގެ ނަތީޖާއަކީ ކޮބާތޯއެވެ. މާލިއްޔަތާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެއްދުމެވެ. ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ އެކަން ކުރި މީހަކު ނުވަތަ ބަޔަކާއި ދޭތެރޭ ފިޔަވަޅު އެޅުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ގޯސްކޮށް ކަމެއް ކޮށްފައިވާކަން އެނގޭނީ ތަހުގީގު ނިމުމުންނެވެ. އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލައިގައި ވެސް އެއްބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރާކަން ކުޑަ ކުއްޖަކަށް ވެސް އެނގޭނެއެވެ. އެހެންކަމުން އެކި ފަހަރު އެކި ފަރާތްތައް ގެނެސް 'ބްލޭމް ގޭމް' ކުޅުމުގެ ފުރުސަތު މާލިއްޔަތު ކޮމިޓީން ދީގެންނުވާނެއެވެ. އެ ޗަރުކޭސްތައް ކުޅެންޏާ ސިއްރުން ކުޅޭށެވެ.
ގައުމީ ބޭންކާއި މަރުކަޒީ ބޭންކުން އެމްއެމްޕީއާރުސީގެ މައްސަލާގައި އިހުމާލުވެފައިވާކަމީ އޭސީސީ ރިޕޯޓުން ސާފުކޮށް ފެންނަންއޮތް ކަމެކެވެ. ބީއެމްއެލް އާއި އެމްއެމްއޭގެ ތެރެއިން މިކަމުގައި އިހުމާލުވި ފަރާތްތައް ފުރިހަމަ ތަހުގީގަކަށްފަހު ޒިންމާދާރު ކުރުވާށެވެ. އިރުއިރުކޮޅާ މާލީ ނިޒާމާމެދު ނަފުރަތު އުފެދޭ ގޮތަށް މަސައްކަތް ނުކުރާށެވެ. ރާއްޖޭގެ ނޫސްތަކުގައި ލިޔާ ޚަބަރުތައް ތަރުޖަމާކޮށްގެން އެކި ފަރާތްތަކުން ދަނީ ބަލަމުންނެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ގައުމަށް ޚިޔާނަތްތެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާށެވެ. އެހެންނަމަވެސް އެ ފިޔަވަޅު އަޅަންވާނީ ފުރިހަމައަށް މައްސަލަ ބަލާފައެވެ. މި ގައުމުގެ މާލީ ނިޒާމަކީ މާލިއްޔަތު ކޮމިޓީގެ މުދަލެއް ނޫނެވެ. އެ ނިޒާމުގެ އަގު ވެއްޓުމުން އޭގެ ގެއްލުންވާނީ ނިކަމެތި ރައްޔިތުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް