ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ގެ ގޮތުގައި ޖުމްހޫރީ ޕާޓީން ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމް ރަސްމީކޮށް ބަލައިގަތުމަށް އެމްޑީޕީން ފާސްކޮށްފިއެވެ.
އެމްޑީޕީން މިގޮތަށް ރަސްމީކޮށް ފާސްކޮށްފައި މިވަނީ މިއަދު ސޯލްޓް ކެފޭގައި ކުރިޔަށްގެންދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 164 ވަނަ ބައްދަލުވުމުގައެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓްކަމަށް ޖުމްހޫރީ ޕާޓީން ކަނޑައަޅާފައިވާ ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމް އެންޑޯސް ކުރުމުގެ ޤަރާރު ، ޤައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އަދި އެކަމަށް ތާޢީދުކުރައްވާފައިވަނީ އެޕާޓީގެ ޕްރޮވިންސް ރައީސް މުހައްމަދު ޝިހާބެވެ.
އެމްޑީޕީން ރަސްމީކޮށް ރަނިންމޭޓަކަށް ފައިސަލް ނަސީމް ބަލައިގަތުމަށް ފާސްކުރުމާ ގުޅިގެން ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށްޓަކައި ރައީސް ނަޝީދު އާއި އެމްޑީޕީގެ ޤައުމީ މަޖިލީސް އަދި އެންމެހާ މެމްބަރުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފައިސަލް ނަސީމް އައްޔަނުކޮށްފައިވަނީ އެޕާޓީގެ ކައުންސިލްގެ މެމްބަރުންގެ މެދުގައި މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ސިއްރު ވޯޓަކުންނެވެ. އޭގެފަހުން ފައިސަލް ނަސީމް ވަނީ ކެމްޕޭންގެ ހަރަކާތްތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއެކު ބައިވެރިވެ ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް