ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ މިއަދު އިޤްތިޞާދީ އަދި ސިޔާސީ ބާރެއް ނޫންކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އީޔޫގެ ފޮރިން އެފެއަރޒް ކައުންސިލުން ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް އިއްޔެ ފާސްކޮށްފައިވާއިރު އެކަމާ ގުޅޭގޮތުން "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އީޔޫ އަކީ މިއަދު އިޤްތިޞާދީ އަދި ސިޔާސީ ބާރެއް ނޫންކަމަށާއި އިދިކޮޅު ފަރާތްތަކުން އީޔޫއަށް ބަރޯސާވެގެން ނުވާނެކަމުގައެވެ.
އީޔޫއިން އިއްޔެ ފާސްކޮށްފައިވާ އޮނިގަނޑު ބުނާގޮތުން އޮނިގަނޑުގައި ބުނާ ކަންކަން، އީޔޫން ކަނޑައަޅާ މުއްދަތުތަކުގެ ތެރޭގައި ރާއްޖެ އިން ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅާނެއެވެ.
އީޔޫ ކައުންސިލުން ވަނީ ދިވެހި ސަރުކާރަށް ސިޔާސީ އިދިކޮޅު ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް މަޝްވަރާތައް ފެށުމަށާއި ، ދެ ފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅު ނުކުރާނަމަ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.
އީޔޫގެ މިނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރ އަދި އީޔޫގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން ލޮބީ ކުރެއްވި ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވަނީ ސަރުކާރުގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިކަމުގައެވެ.
އީޔޫގެ ނިންމުމާ ގުޅިގެން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ އީޔޫގެ ނިންމުމަށް މަރުޚަބާ ކިޔާފައެވެ. އެމްޑީޕީން އެކަމާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އީޔޫން އެދޭ ގޮތަށް، އިންސާފުވެރި ދެ ފުށް ފެންނަ އިންތިހާބަކަށް މަގުފަހި ކުރުމަށް، އިދިކޮޅު ލީޑަރުންނާއެކު މަޝްވަރާކުރަން ސަރުކާރަށް ގޮވައިލާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް