ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވޯޓު ދިނުމުގެ ޙައްޤު ހިމާޔަތްކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި 7 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ސަބަބުން ވޯޓުލާ އާބާދީގެ 10 އިންސައްތަ މީހުން ގެ ވޯޓުލުމުގެ ޙައްޤު ގެއްލިގެން ހި...

17 Jul 2018 | 06:52

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި 7 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ސަބަބުން ވޯޓުލާ އާބާދީގެ 10 އިންސައްތަ މީހުން ގެ ވޯޓުލުމުގެ ޙައްޤު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮންނާތީ، އިލެކްޝަންގެ މިނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިލެކްޝަންގެ މި ނިންމުން އިޔާދަކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އެޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޤައުމުގެ އާބާދީގެ އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މެދު ފަންތީގެ މަސައްކަތް ތެރިންކަމުގައެވެ. ދައުލަތް ހިންގުމަށްޓަކައި ބޭނުންވާ ޓެކްސް ފައިސާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިނާވެގެންވަނީ މަސައްކަތްތެރިން އަދާކުރާ ދައުރުގެ މައްޗަށްކަމަށާއި، މާލީ ގޮތުން ވަކިވަކި އާއިލާތަކުގެ ބަލަދުވެރިންނަކީވެސް މަސައްކަތްތެރިން ކަމަށްވާއިރު ، އެފަރާތްތަކުގެ ބަސް ދައުލަތުގެ ސިޔާސަތު ކަނޑައެޅުމުގައި ކޮންމެހެން ހިމެނިފައި އޮތުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމުގައި އެޕާޓީން ދެކޭކަމަށްވެސް އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން އިލެކްޝަން ކޮމިޝަންގެ މިނިންމުމުގެ ސަބަބުން ވަޒީފާ އަދާކުރާ އާބާދީގެ ގާތްގަޑަކަށް 15 އިންސައްތަ  މީހުންގެ ވޯޓު ދިނުމުގެ އަސާސީ ހައްޤު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށާއި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުންނަކީ ނިސްބަތުން ބަލާއިރު ޒުވާނުން ކަމަށް ވެފައި ޤައުމުގެ ބޮޑެތި ކަންކަމުގައި ޒުވާނުންގެ ހިއްސާނެތި ދިޔުމަކީ އެއްގޮތަކަށްވެސް ވެގެންވާނެކަމެއް ނޫންކަމަށް އަދާލަތުން ދެކޭކަމަށް ބުނެފައި ވެއެވެ.

އަދާލަތުން ބުނެފައިވަނީ ސަރުކާރުން ރިސޯޓްތަކުގެ މުވައްޒަފުންނަށް ރިސޯޓްތަކުގެ ހިއްސާލިބޭނެކަމަށް ވެފައިވާ ވައުދު ފުއްދާދީފައި ނުވާތީ އާއި ، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ހީނަރުވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް އޮތް ތާޢީދު ބޮޑުތަނުން ދަށްވެފައިވާ ދަނޑިވަޅެއްގައި، އިލެކްޝަން ކޮމިޝަންގެ މިނިންމުމަކީ ސީދާ މި ސަރުކާރު އަލުން އިންތިޚާބު ކުރުމަށްޓަކައި އިންތިޚާބުގެ ނަތީޖާއަށް ބޮޑު ފަރަގެއް ގެނައުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުގައި އަދާލަތުން ދެކޭކަމަށްވެސް މިބަޔާނުގައި ވެއެވެ.

އެހެންކަމުން ވޭތުވެދިޔަ އިންތިޚާބު ތަކެކޭ އެއްގޮތަށް ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ،ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާ ، އެފަރާތްތަކުގެ ވޯޓު ދިނުމުގެ އަސާސީ ޙައްޤު ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލާކަމަށްވެސް މިނޫސް ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް