ޖުޑީޝަލް ސާވިސް ކޮމިޝަން ޖަވާބުދާރީ ކުރެވޭނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައިމިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުން ތަންފީޒުކޮށްގެން ނުވާނެކަމަށް ބުނެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ އަމުރު އޮތަސް ފަނޑިޔާރު ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީން ބުނެފައިވަނިކޮށް އަމުރާ ދެކޮޅަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުޢައްސަސާތަކުގެ މުސްތަޤިއްލުކަން ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަނެވެ. އެ ބާރުތަކާއި މުޢައްސަސާތަކުގެ މަސައްކަތްތައް ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުޢައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީން ކަމަށެވެ.
" ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާއީއިން އެކަށައަޅާފައިވާ މުޢައްސަސާކަމަށްވާއިރު އެ މުޢައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުޢައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ." ރައީސްގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެގޮތަކީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުން ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އަދި އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫން ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުޢައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުޢައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނޫސްބަޔާނުގައި އިލްތިމާސް ކުރައްވާފައިވެއެވެ.
ދިވެހިރައްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ނޫސްބަޔާނުގައި ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވެއެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިޘިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނޭ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް