ކައިވެންޏަށް 2 ލައްކަ ރުފިޔާ، ރޫޅުނީ 6 މަސްދުވަހުން

ކައިވެނީގެ ނަލަ ހެދުމުގައި، ޒީނަތްކުރެވިފައިވާ ބޮޑު ހަފްލާއެއްގައި ތިމާގެ ކައިވެނި ކުރެވުމަކީ ގިނަ އަންހެން ކުދިންގެ ހުވަފެނެކެވެ. ރީތި ބެކްގްރައުންޑެއްގެ ކުރިމަތީގައި ހުއްޓިލައިގެން، ދެމަފިރިން އާއިލ...

17 Jun 2019 | 07:55

ކައިވެނީގެ ނަލަ ހެދުމުގައި، ޒީނަތްކުރެވިފައިވާ ބޮޑު ހަފްލާއެއްގައި ތިމާގެ ކައިވެނި ކުރެވުމަކީ ގިނަ އަންހެން ކުދިންގެ ހުވަފެނެކެވެ. ރީތި ބެކްގްރައުންޑެއްގެ ކުރިމަތީގައި ހުއްޓިލައިގެން، ދެމަފިރިން އާއިލާ އާއި ރައްޓިހިންނާއި އެކު އެ އުފާ ހިއްސާކުރަން ޔަގީނުންވެސް ބޭނުންވާނެއެވެ.

ނަމަވެސް އެއީ އެންމެ ރުފިޔާ އަކުން ދެ ރުފިޔާ އަކުން ވާނެ ކަމެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ ފައިސާ އެވެ.

ދިމާވި އެކުވެރިއަކާއި ޒަވާޖީ ހަޔާތާއި ބެހޭގޮތުން ސުވާލުކޮށްލީ އެއްވެސް ގޮތަކަށް މިވާހަކަތައް އިވޭނެ ކަމަކަށް ނޫނެވެ. ނަމަވެސް އެކުވެރިޔާގެ މޫނުމަތިން ފެނުނު މާޔޫސީ ކުލަވަރުން އަހަރެން އިތުރަށް ސުވާލުކޮށްލީމެވެ.

އެ ކައިވެންޏަކީ ޝާހީ ކައިވެންޏެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދަރުބާރުގޭގެ ފާށަނާ މާލަމްގައި މީގެ 6 މަސް ދުވަސް ކުރިން ބޭއްވުނު އެ ހަފްލާ އަކީ އަހަރެންގެ އެކުވެރިޔާގެ ހަޔާތުގައި އައި އެންމެ ހާއްސަ ދުވަހެވެ. މުޅި ހޯލްތެރޭގެ ޒީނަތްތެރި ކަމާއި، އާއިލާ އާއި އެކުވެރިން ލައިގެން ތިބި ހެދުންތަކުގެ އިތުރުން ކައިވެނީގެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް 2 ލައްކަ އެއްހާ ރުފިޔާ ޚަރަދުވި ކަމަށް އެކުވެރިޔާ ކިޔައިދިނެވެ.

ކައިވެނީގެ ފަހުން އެ ޝާހީ ކައިވެނީގެ އެއްވެސް އަގެއް ނެތެވެ. ދެމީހުންގެ މެދުގައި ކުދިކުދި މައްސަލަތައް ގިނަވެ، އަނގައިން ބުނުން މަދުވާން ފެށިއެވެ. އެންމެ ފަހުން ކައިވެނި ރޫޅުނީއެވެ. ހުވަފެނީ ކައިވެނީގެ ހަފްލާއިން ބިނާކުރި ގަނޑުވަރު އެހާ އަވަހަށް ފުނޑުފުނޑު ވުމުން ޝޮކެއް ލިބުނު ކަމަށްވެސް އެކުވެރިޔާ ކިޔައިދިނެވެ.

ކައިންވެންޏަށް ކުރާ ބޮޑު ހޭދައަކީ އިސްރާފެކެވެ. ބޮޑު ހޭދައެއް ނުކޮށްވެސް ރީތި ކައިވެނި ޕާޓީއެއް ބާއްވައިލެވޭނެއެވެ. ކައިވެނީގެ ވަލީމާ އަކީ ސުންނަތް ކަމެއް ނަމަވެސް، އިސްރާފު ކުރުމަކީ އިސްލާމް ދީނުގައި ނަޙީ ކުރައްވާފައިވާ ކަމެކެވެ. ބޮޑު ހޭދައެއް ކޮށްގެން އެ ކައިވެނި ކިހާ ދުވަހެއް ވަންދެން ދެމި އޮންނާނެ ކަމެއް ނޭންގެއެވެ. އެ ފައިސާ އެހެން ކަންކަމުގައި ވެސް ބޭނުން ކުރެވޭނެއެވެ.

ދިރިއުޅުމުގައި ކުރާ މިފަދަ ކަންތައްތަކާ މެދު ވިސްނާލުން ވަރަށް މުޙިންމެވެ. ވަގުތީ އުފަލަކީ ދެމި އޮންނާނެ އެއްޗެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް