ރ. އަތޮޅު ރަށެއްގެ އިސް މެޖިސްޓްރޭޓަކު ތިން އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތު

ރ. އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކު އެ ކޯޓުގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރާކަމަށް އިތުބާރުހިފޭ ބައެއް ފަރާތްތަކުން ދުވަހަށް ކަށަވަރު ކޮށްދީފިއެވެ. މީގެ އިތުރުނ...

17 Jun 2019 | 07:14

ރ. އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކު އެ ކޯޓުގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރާކަމަށް އިތުބާރުހިފޭ ބައެއް ފަރާތްތަކުން ދުވަހަށް ކަށަވަރު ކޮށްދީފިއެވެ. މީގެ އިތުރުން އޭގެން އެއް މުވައްޒަފަކަށް ޖިންސީ ގޯނާ ކުރާ އަޑު އެކުލެވޭ އޯޑިއޯއެއްވެސް ލިބިފައިވެއެވެ.

މައުލޫމާތު ދިން ފަރާތްތަކުން ބުނާގޮތުގައި އެ މެޖިސްޓްރޭޓް އެކަން ކުރާތާ ގާތްގަނޑަކަށް އަށް އަހަރު ވަނީ ވެފައެވެ. އަދި އެކަމުގެ ވާހަކަތައް ބައެއް އިސްވެރިންނާއި ހަމައަށްވެސް އެ އަންހެން ކުދިން ގެންގޮސްފައިވެއެވެ.

ލިބިފައިވާ އޯޑިއޯއިން އިވޭގޮތުގައި އެ ފިރިހެން މީހާ އަންހެން މީހާ ގާތު ތަކުރާރުކޮށް އިންނަން އަހައެވެ. އަދި ގަޔަށް އަތްލުމަކީ މައްސަލައެއް ނޫން ކަމަށްވެސް ބުނެއެވެ. އެއަށްވުރެ ބޮޑުވަރު ކުރާނީ ރުހުމާއެކު ކަމަށްވެސް ބުނެއެވެ. އެތަނުން ދާން ބޭނުންވާކަމަށް އެ އަންހެން މީހާ ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް ދިޔަ ނުދީ ހިފަހައްޓައި ގާތް ވެ ޖިންސީ ފުރައްސާރަކުރާ އަޑު އިވެއެވެ.

އެ މެޖިސްޓްރޭޓާއި ގުޅޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިނުވާކަން ފުލުހުން ކަށަވަރު ކޮށްދެއެވެ. ނަމަވެސް ޖޭއެސްސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅޭ ލިޔުމެއް މީގެ ދެތިން ހަފްތާ ކުރިންވެސް ދުވަހަށް ލިބުނެވެ. އެ ލިޔުމުގައި ވާގޮތުން އެ މެޖިސްޓްރޭޓް ހާއްސަގޮތެއްގައި ޖިންސީ ގޯނާ ކުރާ އެއް މުވައްޒަފަކު ހުރެއެވެ. އެ އޯޑިއޯއަކީވެސް އެ މުވައްޒަފު ރެކޯޑު ކުރި އޯޑިއޯއެއް ކަމަށް ދުވަހަށް މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ތިން މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކު މިހާރު ވަޒީފާއިން ކެނޑިފައިވާކަމަށާއި އަދި އެތާނގައި ކުރިން ވަޒީފާ އަދާކުރި ފިރިހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެ މެޖިސްޓްރޭޓް އެ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑު ކުރަން ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް ލިބުނު ނަމްބަރުތަކަށް ގުޅާ މައުލޫމާތު ސާފުކުރިއިރު އެއީ މެޖިސްޓްރޭޓެއް ކަމުގައިވާތީ އޭނައާއި ދެކޮޅަށް ބަހެއް ބުނަން ޖެހިލުންވާކަން ފާހަގަކުރިއެވެ. ނަމަވެސް ބައެއް ފަރާތްތަކުން، މިއީ ހިނގަމުން އަންނަ ކަމެއްކަން ވަރަށް ޔަގީންކަމާއެކު ކަށަވަރުކޮށްދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް