އިންޑިއާ މީހުންނަށް ރާއްޖެއިން ވިސާ ނުދޭ މައްސަލަ ހައްލުކޮށްދޭން އެދެފި

ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާ އިންޑިއާ މީހުންނަށް ވިސާ ދިނުމާއި ވިސާ އާ ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާ ސަރުކ...

17 Jun 2018 | 08:25

ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާ އިންޑިއާ މީހުންނަށް ވިސާ ދިނުމާއި ވިސާ އާ ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާ ސަރުކާރަށް ގޮވާލައްވައިފި އެވެ.

މިކަމަށް ގޮވާލައްވާފައިވަނީ އޭނާ އިންޑިއާގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖްއަށް ފޮނުވި ސިޓީއެއްގައި އެވެ. އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި އެންމެ ގިނައިން މަސައްކަތް ކުރަނީ ކެރެލާގެ ރައްޔިތުން ކަމަށާ އެކަމަކު މި މައްސަލަ މިހާރު އިންޑިއާގެ ގައުމީ މަސްލަހަތު އެކުލެވޭ ކަމެއްގެ ގޮތުގައި ބަލައިދޭން ޖެހިފައިވާ ކަމަށެވެ.

އެ ސީޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވިސާ އާއި ވޯކް ޕާމިޓް އާކުރަން ހުށަހެޅުމުން މީގެކުރިން ހަފްތާއެއްގެ ތެރޭގައި އެކަން ހަމަޖެހިގެން ދިޔަ ނަމަވެސް މިހާރު ވިސާ އާއި ވޯކް ޕާމިޓް އާކުރަން ދަތިވެފައިވާ ކަމަށެވެ. ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް ފިއްތުންތަކެއް ކުރިމަތި ކުރަމުން އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވިޖަޔަންގެ ސިޓީގައި ވިދާޅުވި އެވެ.

ވިޖަޔަން ވިދާޅުވީ އިންޑިއާގެ 30،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ޓޫރިޒަމް ދާއިރާ ހިމެނޭ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް ނުލިބެނީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާ ގުޅިގެން ކަމަށް ވެސް ވިޖަޔަން ވިދާޅުވި އެވެ. އެހެންކަމުން ސިޔާސީ މައްސަލަތަކުގައި އިންޑިއާގެ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ފިއްތުންތައް ކުރިމަތިކޮށް ދަތިކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް މިސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ މީހުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވިސާ ނުލިބޭ މައްސަލައިގަ މިހާތަނަށް ރާއްޖޭގެ އިމިގްރޭޝަނުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި މައްސަލަ ދިމާވެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އިންޑިއާއިން ފާޅުގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މަންދޫބުގެ ގޮނޑިއަށް ރާއްޖެއިން ވާދަ ކުރި އިންތިހާބުގައި އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް ވޯޓު ދިންކަން އެ ގައުމުގެ އޮފިޝަލަކު ހާމަކޮށްފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް