މާތް ވެގެންވާ މަސްޖިދުލް ހަރާމްގެ ހަރަމްފުޅު ތެރޭގައި މިދިޔަ ހަފްތާއެއް ތެރޭގައި ދެ މީހަކު އަމިއްލައަށް މަރުވެއްޖެ އެވެ.
ފުރަތަމަ މީހާ މަރުވެފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ދެ ވަނަ މީހާ މަރުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ސައުދީ ނޫސްތަނުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފުރަތަމަ މަރުވި މީހާ ފުއްމާލާފައިވަނީ ހަރަމްފުޅުގެ ތިން ވަނަ ފަންގިފިލާއިން ނެވެ. ދެވަނަ މީހާ ފުންމާލީ އެއްވަނަ ފަންގިފިލާއިން ހަރަމްފުޅު ތެރެއަށެވެ. މި ހާދިސާ ތަކުގައި ފުރަތަމަ ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ގަބޫލު ކުރީ އެމީހުން ފިތިބާރުވެގެން ވެއްޓި މަރުވީ ކަމަށެވެ.
އެކަމަކު އެމީހުން އަމިއްލައަށް ފުންމާލީކަން ޔަގީންވީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ސީސީޓީވީ ފުޓޭޖުތައް ބެލުމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ފުރަތަމަ މީހާ އަކީ ފްރާންސަށް ނިސްބަތްވާ ސިކުނޑި ހަމަ ނުޖެހޭ މީހެކެވެ. އޭނާ ވަނީ އަމިއްލައަށް މަރުވުމުގެ ކުރިން މަސްޖިދުލް ހަރާމްގެ އިމާމު ހަރަމް ފުޅު ތެރެއިން ހިންގަވާފައި ވަޑައިގެންނަވަނިކޮށް ސެކިއުރިޓީ ފަޅާލުމަށް ފަހު އޭނާ އާއި ސަލާމްކުރަން މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮށްފައި އެވެ.
އަދި އުމްރާއަށް ދިޔަ ފަހުން އޭނާ ސައުދީގެ ހޮސްޕިޓަލަކުން ފަރުވާ ހޯދި ކަމަށް ރިޕޯޓުތަށް ބުނެ އެވެ.
ދެވަނައަށް މަރުވި ބަންގްލަދޭޝް މީހާ ފުންމާލި ވަގުތު ގޮސް ޖެހުނީ އެ ވަގުތު ތޮވާފު ކުރަމުންދިޔަ ސޫދާން މީހެއްގެ ގައިގަ ކަމަށާއި މިހާދިސާގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މީހާ އާއި ގުޅޭ މާގިނަ މައުލޫމާތެއް އަދި ސައުދީ ކަމާ ބެހޭ ފަރާތްތަކުން ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ތަކާއި ގުޅިގެން ސައުދީގެ ދީނީ އިލްމުވެރިން ވިދާޅުވެފައިވަނީ މަސްޖިދުލް ހަރާމްގައި ހުރެގެން ކުރި ކަމަށްވިޔަސް އަމިއްލައަށް މަރުވުމަކީ އެކަމުން އެއްވެސް ސަވާބެއް އެމީހާއަށް ލިބޭނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް