ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާތަކުގައި މޮބައިލް މެޑިކަލް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފި އެވެ.
މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން 28 ތަނެއް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ތަންތަނަށް މީހުން ވަދެ ނުކުމެ ވުމަކީ މަނާކަމެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް80 ބިދޭސީއަކަށް ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމީހުންގެ ޓެމްޕަރޭޗާ ބަލައި، ހުމާއި ރޯގާގެ އަސަރު ހުރިތޯ ދެނެގަނެފައިވެ އެވެ. އަދި ސިއްހީ އިތުރު މައްސަލައެއް ހުރިތޯ ބަލާފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ސިއްހީ ފަރުވާ ދިނުމުގެ އިތުރުން އެމީހުން ދިރިއުޅޭ ތަންތަނަށް ވަދެ އެ ތަންތަނުގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށެވެ. މި ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލޮކްޑައުންގެ ހާލަތުގައި ކާބޯތަކެތި ފޯރުކޮށްދެނީ ދިވެހި ރެޑްކްރެސެންޓު މެދުވެރިކޮށެވެ.
https://twitter.com/HPA_MV/status/1261927858701647874
ސަރުކާރުން ދަނީ ތޮއްޖެހިގެން މާލޭގައި ދިރިއުޅޭ ބިދޭސީން ސަރުކާރުން ހަދާފައިވާ ފެސިލިޓީތަކަށް ބަދަލު ކުރަމުންނެވެ. އެމީހުން އެތަންތަނުގައި ތިބުމުގެ ކުލި ދޭން ޖެހެނީ އެމީހުން ރާއްޖެ ގެނެސް އެހާ ކުދި ތަންތަންތަންކޮޅުގައި ބައިތިއްބައިގެން އުޅޭ ވިޔަފާރިވެރިންނެވެ.
މީގެ އިތުރުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންވެސް އެ ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ގިނަ މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް