ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ހުކުރު ކަމުގައިވާ އަދުގެ ހުކުރު ޚުތުބާގައި ބޮޑަށް އަލި އަޅުވާލާފައިވަނީ މުންކަރާތްތައް ނަހީ ކުރުމާއި ނުބައިކަންކަން ހުއްޓުވުމާއި ގުޅޭގޮތުންނެވެ. އެގޮތުން މުންކަރާތް ނަހީކޮށް ނުބައިކަންކަން ހުއްޓުވުމަކީ ދީނީ ޤާނޫނީ ފަރުދީ އަދި ޖަމާޢީ ވާޖިބެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
"މި އުއްމަތުގެ ތެރެއިން ބަޔަކު ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުންދާއިރު އެބައި މީހުންގެ އަތުގައި ހިފައި ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން މަނާކުރުން ދީނުގައި މުހިއްމުވަނީ މި ޙިކުމަތަށް ޓަކައެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ފާހަގަކުރިގޮތުގައި ﷲ ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. ފާފައަކަށްވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. އެކަލާނގެއަށް އުރެދުމަކީ މުންކަރާތެކެވެ. ދީނުގެ ޝިޢާރުތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ މުންކަރާތެކެވެ. އަމަންއަމާންކަން ނަގާލުމަކީ މުންކަރާތެކެވެ. ޙައްޤަކާނުލައި މީހުންގެ މުދަލަށާއި ފުރާނައަށާއި އަބުރަށް އަރައިގަތުމަކީ މުންކަރާތެކެވެ. މީސްތަކުންގެ މެދުގައި މުންކަރާތް ޢާންމުވެގެންދިއުމުން ﷲ ތަޢާލާ ވަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވަވައި އެ ގައުމުތަކަށް އިންޒާރު ކުރައްވާފައެވެ.
"ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ އެންމެ ހެޔޮ އުއްމަތުގެ މީހުން ކަމުގައި ވެފައިވަނީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މައްޗަށެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ ފައިދާއަށް ބަލައިލާއިރު އެއީ ކުށްފާފަތަކުން މީހާ ޠޯހިރު ކޮށްދޭކަމެކެވެ." ޚުތުބާގައި ބުނެފައިވެއެވެ.
މުންކަރާތް ނަހީކޮށް ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ ޤާނޫނީ ފަރުދީ އަދި ޖަމާޢީ ވާޖިބެއްކަމާއި ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ އިތުރަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މުންކަރާތް ނަހީކުރުމުގައި ކޮންމެމީހަކު އެމީހެއްގެ ޒިއްމާ ދެނެގަންނަން ޖެހޭނެ ކަމަށެވެ. ކޮންމެ މުއައްސަސސާއަކުން އެމުއައްސަސާގެ ވާޖިބު އަދާކުރަންޖެހޭނެ ކަމަށެވެ. އަދި ކޮންމެ މުންކަރާތަކީވެސް މަނާކުރެވެންޖެހޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަމުގައިވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ބަރަކާތްތެރި ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި މުންކަރާތްތަކުން ދުރުވެ ގަންނާށެވެ! ރަމަޟާންމަހަކީ އިސްރާފު ކުރުމުގެ މަހަކަށް ނުހަދާށެވެ! ބޭނުންވާ މިންވަރަށްވުރެ ގިނައިން ކާބޯތަކެތި ތައްޔާރުކޮށް އެތަކެތި އިސްރާފު ކުރުމަކީ މުންކަރާތެކެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
މުޖްތަމައުގައި ހިނގަމުންދާ ނުބައިކަންކަން ހުއްޓުވުމަކީ މާ ފަސޭހަކަމެއްނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ގިނަފަހަރަށް އެފަދަ ކަންކަން ރާވައި ހިންގާ ފަރާތްތަކަކީ ބާރުގަދަ ނުފޫޒުގަދަ ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިންކަމުގައި ވެދާނެ ކަމަށެވެ. އެހެންނަމަވެސް އެއީ މި މަގު ދޫކޮށްލަންޖެހޭ ސަބަބެއްނޫން ކަމަށާއި މިކަމަކީ މި އުއްމަތުގެ ކޮންމެ މީހެއްގެ ޒިންމާއަކަށްވާތީ މި މަސްއޫލިއްޔަތު އަދާކުރަންޖެހޭ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި މިކަމަށް ތެދުވާ މީހާގެ ކިބައިގައި ކެތްތެރިކަމާއި އިޚްލާޞް ތެރިކަން ހުންނަންޖެހެއެވެ. ކަމެއް މަނާކުރުމުގައި އަބަދުވެސް އެންމެ އެކަށީގެންވާ އުސޫލު ގެންގުޅެންޖެހޭ ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ވިޔާނުދާ ޢަމަލުތައްކުރާ ބައެއް މީހުން ހީކުރާ ގޮތުގައި އެކަންކަމަކީ އެހެންމީހަކާ ބެހޭ ކަމެއްނޫނެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އަޛާބު ލިބެންޏާވެސް ލިބޭނީ އޭނާއަށެވެ. އެހެންމީހުން އެކަންކަމާ ދެކޮޅު ހެދުމަކީ އޭނާގެ މިނިވަންކަމަށް އަރައިގަތުމެވެ. މިއީ ވަރަށް ބޮޑު ކުށްހީއެކެވެ" މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
އަދުގެ ޚުތުބާގައި ބުނެފައިވަނީ މުޖްތަމަޢުގައި އެންމެ ފަރުދަކުވެސް މުންކަރާތަކަށް އަރައިގަންނަނަމަ އޭގެ ނޭދެވޭ އަސަރު މުޅި މުޖްތަމައަށް ފޯރާނެ ކަމަށެވެ. އެސުންޕާ ޢަމަލުގެ ސަބަބުން ﷲގެ ރަޙުމަތާއި ބަރަކާތް ކެނޑޭނެ ކަމަށެވެ. އާންމުވެގެންވާ ކޯފާއެއް އަންނައިރު އެއްވެސް މީހަކު ސަލާމަތެއްނުވާނެ ކަމަށެވެ. ކަންމިހެން ހުރުމާއެކު ހުރިހާ މުންކަރާތަކުން އަޅުގަނޑުމެން އެއްފަރާތްވާނެޖެހެއެވެ. އެންމެބޮޑުފާފަ ކަމުގައިވާ ޝިރުކުކުރުމުން ފެށިގެން ކުދިކުދި ފާފަތަކުން ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ތިމާގެ ފަރާތުން އަނެކާއަށް އުނދަގުލެއް ކުރިމަތިވެދާނެ ކޮންމެކަމަކުން ކަމަށާއި ސާފުތާހިރުކަމެއްނެތި މީހުން އެއްވާތަންތަނަށް ދިއުމާއި، މަގުމަތީގެ ޙުރުމަތް ކަނޑައި ހަޑިހުތުރުބަހުން ވާހަކަދެއްކުމާއި، ޤަވާޢިދާޚިލާފަށް ވެހިކަލުދުއްވުމާއި މީހުންނަށް ދަތިވާގޮތަށް ޕާކުކުރުން ފަދަ އެންމެހާ ކަންކަމުން އަޅުގަނޑުމެން ދުރުވެ ރައްކާތެރިވާންޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް