އެތުލެޓިކޯ މެޑްރިޑުން ޔުރޮޕާ ލީގު ކާމިޔާބު ކޮށްފި

އެންޓޮއިން ގްރީޒްމަންގެ މޮޅު ކުޅުމާއެކު ފްރާންސްގެ އޮލިމްޕިކް މާސޭ 3-0 އިން ބަލިކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ޔުރޮޕާ ލީގު ކާމިޔާބު ކޮށްފިއެވެ. ރޭގެ މެޗަށް ފަހު ބައެއް ފަރާތްތަކުން ސިފަކޮށްފައިވަ...

17 May 2018 | 08:34

އެންޓޮއިން ގްރީޒްމަންގެ މޮޅު ކުޅުމާއެކު ފްރާންސްގެ އޮލިމްޕިކް މާސޭ 3-0 އިން ބަލިކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ޔުރޮޕާ ލީގު ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗަށް ފަހު ބައެއް ފަރާތްތަކުން ސިފަކޮށްފައިވަނީ މިއީ، މި ސީޒަނަށް ފަހު އެތުލެޓިކޯ ދޫކޮށްލާނެކަމަށް ބެލެވިފައިވާ އަދި ބާސެލޯނާއަށް ބަދަލުވާނެކަމަށް އަޑު ފެތުރެމުން އަންނަ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ގްރީޒްމަންގެ ފަރާތުން އެތުލެޓިކޯއަށް ދިން ފަހު ހަދިޔާގެ ގޮތުގައެވެ.

މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މާސޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެތުލެޓިކޯއިން މެޗުގެ 21 ވަނަ މިނިޓުގައި ގޯލު ހުޅުވާލިއެވެ. މާސޭގެ ގޯލްކީޕަރ މަންޑަންޑާ ޖައްސާލި ބޯޅައެއް ޒަމްބޯއަށް ކޮންޓްރޯލް ނުކުރެވުނުއިރު، އެތުލެޓިކޯގެ ގަބީ ވަނީ އެ ބޯޅަ ހޯދައި ގްރީޒްމަންއަށް ޖައްސާލާފައެވެ. ޑިފެންޑަރަކު ނެތި ހުސްކޮށް ހުރި ގްރީޒްމަން ވަނީ މާސޭގެ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ވައްދާލާފައެވެ.

އެތުލެޓިކޯގެ ލަނޑަށްފަހު މާސޭއަށް އިތުރު މައްސަލައެއް ކުރިމަތިވީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޕަޔެޓްއަށް އަނިޔާވެ މެޗުގެ 35 ވަނަ މިނިޓުގައި އޭނާ ބަދަލުކުރަން ޖެހުމެވެ.

ފުރަތަމަ ހާފު 1-0 އިން ނިމުނުއިރު، ދެ ވަނަ ހާފު ފެށިގެން އެންމެ 4 މިނިޓުގެ ތެރޭގައި ގްރީޒްމަން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައި އެތުލެޓިކޯގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ކޮކޭ ދިން ޕާހަކުން އޭނާ ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ.

އެތުލެޓިކޯ އިން ދެ ލަނޑު ޖެހުމުން ވެސް ނަތީޖާ އަނބުރާލުމަށް ހިތްވަރު ކުރަމުން އައި މާސޭގެ އުންމީދުތައް ފެނަށްވެ އެތުލެޓިކޯއަށް ތަށި ކަށަވަރުވީ ފަހު ވަގުތު ގަބީ ޖެހި ލަނޑާއެކުގައެވެ. ކޮކޭގެ އެސިސްޓަކާއެކު އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 89 ވަނަ މިނިޓުގައެވެ.

ފާއިތުވި ދެތިން އަހަރު ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ދަތުރު ކުރުމަށްފަހު ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހެމުން އަންނަ އެތުލެޓިކޯއަށް ޔުރޮޕާ ލީގު ކާމިޔާބު ކުރެވުމަކީ މި އަހަރު ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މިއީ އެތުލެޓިކޯއަށް މި މުބާރާތް ކާމިޔާބު ކުރެވުނު 3 ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް