ރޯދައަށް މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް ނަސްރިނާ އެދިވަޑައިގެންފި

ޝަރީއަތް ނިމެންދެން ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޯދަ މަސް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެދިވަޑައިގެންފި ...

17 May 2018 | 01:26

ޝަރީއަތް ނިމެންދެން ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޯދަ މަސް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެދިވަޑައިގެންފި އެވެ.

ނަސްރީނާ އިބްރާހިމް ޕީޖީ އައިޝަތު ބިޝާމް އަށާއި ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް އާރިފްއަށް ވަކިވަކިން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މައުމޫން އަކީ މިހާރު އުމުރުފުޅުން 80 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެއް ކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނު ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މައުމޫނަށް ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯ ޖެހިފައިވާ ކަމަށް ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ބަލީގެ ސަބަބުން އަނބުރާގަނެގެން ވެއްޓުމާއި ޒަރޫރީ ބޭނުންތައް އެކަނި ނުކުރެވޭނެ ފަދަ ހާލަތަކަށް މައުމޫންގެ ހާލުކޮޅު ގޮސްފައިވާކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނަށް އާއިލާގެ އެހީތެރިކަން ވަރަށް ބޭނުންވާނެ ކަން ވެސް ނަސްރީނާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރަމަޟާން މަހާ ކުރިމަތިލާއިރު އަންނައިރު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އެމަނިކުފާނަށް ތަޙައްމަލު ކުރެއްވޭވަރަށްވުރެ ގިނަ ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނޭ ކަމެއް ކަމުގައިވާނެކަން އަޅުގަނޑަށް އިހުސާސްކުރެވެއެވެ. ރޯދަފުޅު ހިއްޕެވުމާއި ރޯދަމަހަށް ހާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން އެމަނިކުފާނަށް ކުރެއްވޭނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ،" ނަސްރީނާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

މީގެ ކުރިންވެސް ރައީސް މައުމޫނުގެ ސިއްޙީ ހާލަތަށް ރިޢާޔަތްކުރައްވައި، އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް މެޑަމް ނަސްރީނާ އިބުރާހިމް ކޯޓާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް