މިއަހަރުގެ ފިތުރު ޒަކާތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފިތުރުޒަކާތުގެ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު އާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ.
މާލޭގައި ނަމަ ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުންނަމަ 43 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާ އެވެ. އަތޮޅު ތެރޭގެ ރައްޔިތުން ޒަކާތް ދައްކަން ޖެހޭނީ މި މިންވަރު އެ ސަރަހައްދަކުން ގަންނަން ލިބޭ އަގެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވަނީ ފައިސާގެ ބަދަލުގައި ގޮވާންވެސް ޒަކާތުގެ ގޮތުގައި ބަލައިގެންނާނެ ކަމަށެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައި އިސްލާމިކް މިނިސްޓްރީ، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރު އަދި ހައުސިން މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. އަތޮޅު ތަކުގައި ރަށު ކައުންސިލް އިދާރާގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.
އައްޑު ސިޓީގައި ޒަކާތް ދައްކަން ޖެހެނީ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކު ސިޓީގައި އެ ސަރަހައްދެއްގެ ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގް ޔުނިޓަށް ދެއްކޭނެ ކަމަށެވެ. އަދި ގދ. ތިނަދޫގައި ޒަކާތް ދައްކަން ޖެހެނީ ތިނަދޫ މީޑިއާ ސެންޓަރަށެވެ.
ފޯނު މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ދިރާގާއި އުރީދޫއިން މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ފިތުރު ޒަކާތް ބަހަނީ، ބަލައިގަންނަ އިދާރާ ހިމެނޭ ރަށަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާ މީހުންނަށެވެ. މިދިޔަ އަހަރު މާލެ ސަރަހައްދުން ޒަކާތުގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ބޮލަކަށް 1.250 ރުފިޔާގެ މަގުން ޒަކާތް ބަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް