އާންމުންގެ ތެރެއިން ބަލި ފެންނަމުންދާ ރޭޓުން ކުރިޔަށް އޮތް14 ދުވަސް ތެރޭގައި ރާއްޖެ ކޯވިޑް-19 ގައި ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް އަންދާޒާކޮށް ހެދި ދިރާސާގައި އަޅާފައިވާ ފިޔަވަޅުތަކާއި އެކު ބަލި ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށް ލަފާ ކުރީ40 ދުވަހުގެ ތެރޭގައި ކަމަށެވެ. އެކަމަކު މާލެއިން ބަލި ފެނުނުތާ ދެ ދުވަސްތެރޭގައި ފެނިގެންދިޔަ މަންޒަރަށް ބަލާއިރު ނުރައްކާތެރި ހާލަތަށް ދާން ނަގާނީ ދެ ހަފްތާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް މިއޮތީ ވަރަށް ސަމާލުވެ ތިބެ، ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށެވެ. މި ހާލަތުގައި ބަލީގެ އާލާމާތެއް ފެންނަ ކޮންމެ މީހަކު ވެސް އެ މައުލޫމާތު އެޗްޕީއޭއަށް އެންގުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި މީހުންގެ ތެރެއިން ގުޅުން ހުރި މީހުންގެ އަދަދު މިހާ ގިނަ ވާނެ ކަމަށް އުންމީޑު ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ 21، 22، 23 ކޭސް އާއި ގުޅުން ހުރި 305 ފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ ފަރާތުން އަލާމާތްތައް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
ޕޮޒިޓިވް ވި ކޭސްތަކާ ގުޅިގެން ސުވާލުކުރާ މީހުން ވެސް ތެދު މައުލޫމާތު ދޭން އޭނާ އެދިވަޑައިގެންނެވި އެވެ. އެހެން ނޫނީ އެއީ އެންމެންނަށް ވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވާ، ޑރ. ނަޒްލާ ވިދާޅުވީ ރަނގަޅު މައުލޫމާތު ނުލިބި ހޭދަވާ ކޮންމެ ގަޑި އިރަކީ ވެސް އިތުރު އެހެން ވައިރަސް އަރާފާނެ ފުރުސަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް