ރާއްޖޭގައި ވެސް ޓިކްޓޮކް ބްލޮކް ކުރަން ފެނޭތަ؟

މުޅި ދުނިޔޭގައި ވައިގައި ހިފާފައިވާ ޓިކްޓޮކް އެޕްލިކޭޝަންގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، އާބާދީ ބޮޑެތި ގައުމުތަކުގެ ސަރުކާރުން މި އެޕްލިކޭޝަން ބްލޮކް ކޮށްލުމުގެ މަސައްކަތް ދަނީ...

17 Apr 2019 | 12:43

މުޅި ދުނިޔޭގައި ވައިގައި ހިފާފައިވާ ޓިކްޓޮކް އެޕްލިކޭޝަންގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، އާބާދީ ބޮޑެތި ގައުމުތަކުގެ ސަރުކާރުން މި އެޕްލިކޭޝަން ބްލޮކް ކޮށްލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އިން މިހާރު މިވަނީ މި އެޕްލިކޭޝަން ބްލޮކް ކޮށްލާފައެވެ.

މި ރާއްޖޭގައިވެސް މި އެޕްލިކޭޝަން މިވަނީ ދާދި އަވަހަށް ވައިގައި ހިފާފައެވެ. ޓިކްޓޮކް ގެ ވަބާގައި ޖެހިފައިވާ އެތައް ދިވެހިންނެއް ދަނީ ކޮންމެ ދުވަހަކު އެމީހުންގެ ހުނަރު ދެއްކުމުގެ ގޮތުން، މި އެޕަށް ވީޑިއޯ އަޕްލޯޑް ކުރަމުންނެވެ.

މިކަމުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަކީ އަޅުގަނޑުމެން ދިވެހިންވެސް ވިސްނާލަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކު އެކި އެކި ފޭސްބުކް ޕޭޖުތަކުން އެ ދަނީ ޓިކްޓޮކްގައި ހުންނަ ވީޑިއޯތައް ޝެއާ ކުރަމުންނެވެ. މީހުން ކޮށްފައި ހުންނަ ކޮމެންޓްތައް ކިއުމުގައި އަޅުގަނޑުވެސް އެތައް ވަގުތެއް ހޭދަކުރަމެވެ. ދިވެއްސަކަށް ވެ ހުރެ ލާ ހެދުމާއި، އަންހެނުންނާއި ފިރިހެނުންގެ ގައި ގޯޅި މަންޒަރުތަކާއި އަދިވެސް މި ދިވެހި މުޖުތަމައު އާ ނުގުޅޭ އެތައް ކަމެކަށް މި ކޮމެންޓް ތަކުގައި ފާޑު ކިޔާފައި ހުރެއެވެ. ބައެއް ވީޑިއޯތަކުގައި މާ ބޮޑަށް މަޖާވެގެން ގޮސް ހައްދުފަހަނަ އަޅާ ދާއިރުވެސް އިހުސާސެއް ނުވެއެވެ.

ރާއްޖޭގައި ބޮޑު ކަމެއް މި އެޕްލިކޭޝަންގެ ސަބަބުން ހިނގާފައި ނެތް ކަމުގައި ވިޔަސް، އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގައި މި އެޕްލިކޭޝަންގެ ސަބަބުން ބޮޑެތި ހާދިސާތައް ވަނީ ހިނގާފައެވެ. އޮޅިގެން މީހުން މެރި، އެކްސިޑެންޓްތައް ހިނގައި، ބޮޑެތި ގެއްލުންތައް ވަނީ ވީޑިއޯ ހެދުމުގެ ތެރޭގައި ލިބިފައެވެ. މި ކުޑަ ކުޑަ ގައުމުގައި މިފަދަ ކަމެއް ހިނގައިފާނެ ކަމުގެ ބިރަށް ވެސް މިކަން ހުއްޓަން އެބަ ޖެހެއެވެ.

އެކްޓް ކުރުމަކީވެސް ހުނަރެވެ. މި ހުނަރު ދިވެހިން މިވަނީ ޓިކްޓޮކްގެ ޒަރީއާއިން ރައްޔިތުންނަށް ދައްކާފައެވެ. ނަމަވެސް މައްސަލައަކީ އެންމެ މައްސަލައެކެވެ. ކޮންމެ ކަމަކުންވެސް ހައްދުފަހަނަ އަޅާ ދާ މައްސަލައެވެ. މިކަމަށް ގޮތް ނިންމާނީ ކިއުންތެރިންނެވެ.

މިކަމަށް ކިޔުންތެރިންގެ ހިޔާލު ހޯދުމަށް ދުވަހުން ވާނީ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖް އަދި ޓްވިޓާ ޕްރޮފައިލްގައި ޕޯލް އެއް ހުޅުވާލާފައެވެ. މި ޕޯލް ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

https://twitter.com/dhuvasmv/status/1118492740554125312

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް