އިންޑިއާގައި ވީޑިއޯ ޝެއާ ކުރާ އެޕްލިކޭޝަން ޓިކްޓޮކް ބްލޮކް ކޮށްލައިފިއެވެ.
ޓިކްޓޮކް އިންޑިއާގައި ބްލޮކް ކޮށްލީ، އިންޑިއާ ސަރުކާރުން އެޕަލް އަށާއި ގޫގުލްއަށް އިންޑިއާގައި އެ އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތުމަށް ހެދުމަށް ގޮވާލުމުންނެވެ.
ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އަދިވެސް ޑައުންލޯޑް ކޮށްފައިވާ މީހުންނަށް ޓިކްޓޮކް ބޭނުން ކުރެވެއެވެ. އެހެންކަމުން އިންޑިއާގެ އައިޓީ މިނިސްޓްރީން ވަނީ އެ ދެ ކުންފުންޏަށް އެ އެޕްލިކޭޝަން ޑައުންލޯޑް ކޮށްފައިވާ މީހުންނަށް ވެސް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އަމުރުކޮށްފައެވެ. ނަމަވެސް އަދި އެ ދެ ކުންފުނިން އެކަމާ ގުޅޭ ގޮތުން ވަކި ޖަވާބެއް ނުދޭ ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.
500 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަން އިންޑިއާ ސަރުކާރުން ބްލޮކް ކޮށްލަން ނިންމީ، މީގެ ސަބަބުން އިންޑިއާގެ މުޖުތަމައަށް ކޮށްފައިވާ ނޭދެވޭ އަސަރެއްގެ ސަބަބުންނެވެ. އިންޑިއާގެ މީޑިއާއެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދާދިފަހުން ވީޑިއޯ އެއް ހެދުމުގެ ތެރޭގައި އިންޑިއާގައި ވަނީ މީހެއް މަރާލެވިފައެވެ. ބަޑިއެއް ބޭނުންކޮށްގެން ވީޑިއޯއެއް ހެދުމުގެ ތެރޭގައި އޮޅިގެން ބަޑި ޖެހި އެ ކުއްޖާ ވަނީ ވަގުތުން މަރުވެފައެވެ. މީގެ އިތުރުން ވެސް އެތައް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
15 ސިކުންތުގެ ކުރު ވީޑިއާ އަޕްލޯޑްކުރެވޭ މި އެޕްލިކޭޝަން މިހާރު ވަނީ ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގައިވެސް ބްލޮކް ކުރެވިފައެވެ.
އިންޑިއާގެ ޗެންނާއީ ސަރުކާރުން ވަނީ ޓިކްޓޮކް އެޕްލިކޭޝަން ހިންގާ ކުންފުންޏާއި ދެކޮޅަށް މައްސަލަވެސް ހުށަހަޅާފައެވެ. މި މައްސަލަ އިންޑިއާގެ ހައި ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގައެވެ.
ޓިކްޓޮކް އެޕްލިކޭޝަންގެ ޒަރީއާއިން އެތައްބަޔަކު ވަނީ ދުނިޔޭގެ ނަން މަޝްހޫރު މީހުން ފަދައިން މަޝްހޫރުކަން ހޯދާފައެވެ. އިންޑިއާގައިވެސް މި ގޮތަށް އެތައް ބަޔަކު ވަނީ މަޝްހޫރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް