ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، އެ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވައިފިއެވެ.
ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިންވެސް ވަނީ ފަށާފައެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫޢަކީ ކުރިން ފެށިފައި އޮތް މަޝްރޫއެއް ނަމަވެސް މި މަޝްރޫއު މިހާރު އަލުން ފަށައިގަނެވޭއިރު މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދާނީ، މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާގޮތްތަކަށް ބައްލަވައިގެންކަމުގައެވެ. އެގޮތުން މަގުތައް ހެދުމުގައި އިސްކަންދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނާއި އަދި ރައީސްގެ ވިސްނުންފުޅަކީ ވެސް، ތަރައްޤީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުންކަމަށެވެ. އެގޮތުން މިއަދު އިފްތިތާޙް ކުރެވުނު ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދަވާނީ އެސިޓީގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ކަމަށާއި، ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމުގައެވެ.
މީގެ އިތުރުން ނައިބް ރައީސް ވަނީ ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދުތަކަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް