ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަނީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު ބުރެވިމާގޭ އަލްމަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި، ތައުބީނުގެ ޖަލްސާއެއް ބާއްވަވަން ސަރުކާރުން ނިންމައިފިއެވެ. މި ޖަލްސާ އަންނަ މެއި މަހުގެ 2 ވާ ...

17 Apr 2019 | 09:38

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު ބުރެވިމާގޭ އަލްމަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި، ތައުބީނުގެ ޖަލްސާއެއް ބާއްވަވަން ސަރުކާރުން ނިންމައިފިއެވެ.

މި ޖަލްސާ އަންނަ މެއި މަހުގެ 2 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައިވާއިރު، މި ޖަލްސާ އިންތިޒާމް ކުރައްވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ.

އަލްމަރްޙޫމް މުޙައްމަދު ޒާހިރަކީ، 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން، ރައީސް އިބްރާހީމް ނާޞިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމާއި، ކަސްޓަމަސްގެ ވެރިޔާ ކަމުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އޭގެފަހުން، ރައީސް މައުމޫންގެ ވެރިކަމުގައި، މުޙަންމަދު ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ފުރުއްވާފައިވެއެވެ.

އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ކަސްޓަމްސްގައެވެ.

މުޙައްމަދު ޒާހިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މުޙައްމަދު ޒާހިރު އަވަހާރަވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް