ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، ކުއްވެރިނުވެ އެ މަގާމު އަދާކުރެއްވި ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ދައުލަތުން 35000 ރުފިޔާ ދިނުމަށް މަޖިލީހުގެ ވަގުތީ ކޮމެޓީން ފާސްކޮއްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިމާޔަތާއި ރައްކާތެރިކަމުގެ ބިލުގައި ބޮޑެތި އިނާޔަތްތަކެއް ކަނޑައަޅާ މަޖިލީހަށް ހުށައެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
ސަލީމް ހުށައެޅުއްވި ބިލްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކީ ދައުލަތުގެ ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މީހެއްކަމަށާއި، އެމީހަކާ މުޚާޠަބުކުރަންޖެހޭނީ އެމީހެއްގެ ނަމުގެ ކުރިއަށް "ނާއިބު ރައީސް"ގެ ލަޤަބު ބޭނުންކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.
އަދި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދެންވާނެކަމަށާއި، އެމީހަކު އެދިއްޖެނަމަ މާލޭގައި އެއްގަމު ދަތުރުފަތުރުގެ ވަޞީލަތްތައް ދައުލަތުގެ ޚަރަދުގައި ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭންޖެހޭނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
ހަމައެއާއެކު ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ.އައި.ޕީގެ ޚިދުމަތްވެސް ދައުލަތުން ފޯރުކޮށްދޭންވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ބިލަށް ބަހުސްކުރެވި މެންބަރުންވެސް ވަނީ އެބިލަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ބައެއް މެންބަރުން ވަނީ ދައުލަތުގެ އިޢްޒަތްތެރިންނަށް އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޤާނޫނުން ކަށަވަރުވާއިރު މިހާތަނަށް އާއިރުވެސް ނާއިބު ރައީސްކަން ކޮށްފައިވާ މީހުންގެ އިނާޔަތްތަކާއި ރައްކާތެރިކަން ނުލިބި ލަސްވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް